އިންޑިއާގެ އަގު ހެޔޮކޮށް ދަތުރުކުރެވޭ އެއާލައިންތަކުގެ ތެރޭގައި ހިމެނޭ ގޯ އެއާ އިން ރާއްޖެއަށް ދަތުރު ކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފިއެވެ.
ސަރުކާރުން ގޯއެއާއަށް ހުއްދަ ދީފައިވަނީ މުމްބާއީ އާއި ދިއްލީން ރާއްޖެއަށް ދަތުރުތައް ކުރުމަށެވެ.
އިންޑިއާ އިން ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖެ އާދެވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ޓޫރިޒަމް މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުންގެންދާކަން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވަނީ ހާމަކުރައްވައިފައެވެ.
އިންޑިއާ އިން ފަތުރުވެރިންގެ ގޮތުގައި ދަތުރުކުރާ ގިނަ މީހުންނަކީ އިންޑިއާގެ އުތުރުގެ ސްޓޭޓްތަކުގެ މީހުން ކަމަށްވެފައި އުތުރުން ސީދާ ފްލައިޓެއްގެ ދަތުރުތައް ފަށައިފިނަމަ އެކަމުގެ ފައިދާ ރާއްޖެއަށް ކުރާނެއެވެ.
ޚާއްޞަކޮށް އަގުހެޔު ފްލައިޓެއްގެ ދަތުރުުތައް ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އެކަށީގެންވާ ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށް ބެލެވެއެވެ.
ގޯ އެއާ އިން ވަނީ 14 ޤައުމަކަށް ދަތުރުކުރުތައް ފެށުމުގެ ހުއްދައަށް އެދިފައެވެ. ނަމަވެސް ސަރުކާރުން ހުއްދަ ދީފައިވަނީ އެއިގެ ތެރެއިން 9 ޤައުމަކަށް ދަތުރުކުރުމަށެވެ.