ނިޔުޔޯކް ސްކޫލަކުން ނުކުޅެދުންތެރިކަންހުރި އުމުރުން 12 އަހަރުގެ މުސްލިމް ކުއްޖެއް ލައްވައި ޓެރަރިސްޓެއް ކަމަށް ސޮއިކުރުވި މައްސަލަ އޭނާގެ ބެލެނިވެރިން ކޯޓަށް ހުށަހަޅައިފިއެވެ.
ކުއްޖާގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅަކީ ގްރޭޑް 7 ގައި ކިޔަވަމުންދާ ނުކުޅެދުންތެރި ކުއްޖެއް ކަމަށެވެ. "އަހަރެންނަކީ މިހާރު އެމެރިކާގެ ރައްޔިތަށް ވެގެން ހުރި ޕާކިސްތާނު މީހެއް. ސްކޫލުގައި އަބަދުކުރާ ކަމަކީ އޭނާއަކީ ޓެރަރިސްޓެއް ކަމަށް ބުނެ ދިމާކުރުން. ދަރިވަރުންވެސް ޓީޗަރުން ވެސް ދިމާކުރޭ."
ބައްޕަ ބުނީ ދަރިފުޅަކީ ޓެރަރިސްޓެއް ނޫންކަން ސާބިތުކޮށްދިނުމަށް ސްކޫލުގެ ފާރަކަށް އަރައި ފުންމާލުމަށްވެސް ބާރު އަޅާފައިވާ ކަމަށެވެ.
ބައްޕަ ބުނީ އެކަންކަމަށްފަހު އޭނާއަކީ ޓެރަރިސްޓެއް ކަމަށް ބުނެ ލިޔުމެއް ލިޔުއްވައި ސޮއިކުރުވައި އެ ލިޔުން ފުލުހުންނަށްވެސް ސްކޫލުން ހުށަހެޅިކަމަށެވެ. އަދި އެކަމާއި ގުޅިގެން ފުލުހުން އޭނާގެ ގެ ވެސް ބަލައި ފާސްކުރި ކަމަށެވެ.
މިކަންކަމުގެ ބަދަލެއްގެ ގޮތުން އާއިލާއިން ވަނީ 50 މިލިއަން ޑޮލަރުގެ ބަދަލަކަށް ކޯޓުގައި އެދިފައެވެ. މިކަމާއި ގުޅިގެން މީޑިއާތަކުން ސުވާލުކުރުމުން ސްކޫލުން ވަނީ ޖަވާބު ނުދީފައެވެ.