10،000 އެމެރިކާ ޑޮލަރާއި 6،000 އެމެރިކާ ޑޮލަރުގެ އަގުތަކަށް ކޯޓާއެއް ގަނެގެން ފިލިޕިންސް ޕާސްޕޯޓުގައި ޙައްޖަށް ފުރަން އުޅުނު އިންޑޮނޭސިއާގެ 177 މީހުން ފިލިޕިންސް އެއާޕޯޓުން ހުއްޓުވައިފި އެވެ.
މިމީހުންނަށް ފިލިޕިންސް ޕާސްޕޯޓާއި ޙައްޖު ކޯޓާ ހޯދައިދީފައިވަނީ ފިލިޕިންސްގެ އެސްކޯޓް ގްރޫޕަކުންނެވެ. އެކަމުގައި ބައިވެރިވި 5 މީހަކު ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ.
އިންޑޮނޭސިއާގެ ހުރިހައި ހައްޖުވެރިންވެސް ފިލިޕިންސަށް އެތެރެވެފައިވަނީ ފަތުރުވެރިންގެ ގޮތުގައެވެ. ފުރަން މަސައްކަތްކުރީ ފިލިޕިންސްގެ ރައްޔިތުންގެ ގޮތުގައެވެ.
މިމީހުންގެ މައްސަލަ ފާހަގަކުރެވުނީ ފްލައިޓަށް އަރަން ތައްޔާރުވެފައިވަނިކޮށް އެންމެ ފަހު ވަގުތު އެމީހުންނަށް އެއްވެސް ވަރަކަށް ފިލިޕިންސް ބަސް ނުއެނގޭކަން ސެކިޔުރިޓީ އޮފިސަރުންނަށް އެނގުމުންނެވެ.
އިންޑޮނޭސިއާ އަކީ އާބާދީގެ ގޮތުން މުސްލިމުންގެ އަދަދު އެންމެ ގިނަ ޤައުމެވެ. 2 މިލިއަން މީހުން މިހާރުވެސް ހައްޖު ކޯޓާގެ އިންތިޒާރުގައި އެބަތިއްބެވެ. އިންޑޮނޭސިއާއަށް މިއަހަރު ލިބިފައިވަނީ އެންމެ 168،800 ކޯޓާއެވެ.
އެ ރޭޓުން ބަލާނަމަ 2 މިލިއަން މީހުން ޙައްޖުވުމަށް 10 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއް ނަގާނެއެވެ. 10 އަހަރުވާއިރު އިތުރު އެތައް މިލިއަން ނައަކު ކިޔޫއަށް އިތުރުވާނެ އެވެ.
ފުދުންތެރިން ކޯޓާ ގަނެގެން އެހެން ޤައުމުތައް މެދުވެރިކޮށް ޙައްޖަށް ދިއުމަށް މަސައްކަތް ކުރަނީ މިފަދަ ސަބަބުތަކާއި ހުރެއެވެ.