ހައިޓީގައި 2010 ވަނަ އަހަރު ފެތުރެން ފެށި ކޮލެރާ، 800،000 އަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު އެކަމުގައި އދ ގެ ދައުރެއް އެބައޮތް ކަމަށް ފުރަތަމަ ފަހަރަށް އދ އިން އެއްބަސްވެއްޖެއެވެ.
ރިޕޯޓްތައް ބުނާގޮތުން އެ ޤައުމުގައި ކޮލެރާ ފެތުރެން މެދުވެރިވި ސަބަބަކީ އެ ޤައުމުގައި ތިބި އދ ގެ ޞުލްޙަ ބަލަހައްޓާ ފައުޖުން އެޤައުމުގެ އެންމެ ބޮޑު ކޯރަށް ނަޖިސް ފޮނުވުމެވެ.
މިކަމާއި ގުޅިގެން އދ އިން މިހައިތަނަށް އައީ އެކަން ދޮގުކުރަމުންނެވެ. އެމެރިކާގެ ކޯޓުތަކުގައި އުފުލި ދައުވާއަށް އައީ އިންކާރުކުރަމުންނެވެ. ނަމަވެސް އދ ގެ ޑިޕިޔުޓީ ސްޕޯކްސް ޕަރސަން ފަރްޙާން ޙައްޤު، ބުރާސްފަތި ދުވަހު ދިން ބަޔާނެއްގައި މިކަމަށް ވަނީ އެއްބަސްވެވިފައެވެ.
ހައިޓީގައި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނެފައިވަނީ ހައިޓީގެ ރައްޔިތުންގެ ހައްޤުތައް ހޯދަން ރައްޔިތުން މަގުތަކަށް ނުކުމެ ކުރަމުން ގެންދާ މަސައްކަތްތަކަށް މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ޙައްޤު ބުނެފައިވަނީ އެ ހާދިސާ ތަޙްޤިޤް ކުރަން ޚާއްޞަ ކޮމިޓީއެއް އެކުލަވައި ލައްވާނެ ކަމަށެވެ. އަދި ކޮމިޓީޯގެ ރިޕޯޓުން އެކަން ކަށަވަރުކުރެވިއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
ޙައްޤު ބުނީ ހައިޓީގައި ފެތުރެމުން އަންނަ ކޮލެރާ އަދިވެސް ކޮންޓްރޯލު ނުކުރެވުމަކީ އދ އިންވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ. ނަމަވެސް އެޅިދާނެ ފިޔަވަޅުތަކާއިމެދު ކަންބޮޑުވާ ކަމަށެވެ. "އަހަރެމެން ކޯރުގެ ފެންގަނޑު ތާހިރުކޮށްދޭނަން."
2013 ވަނައަހަރާއި ހަމައަށް ބަލައިފިނަމަ ހައިޓީގައި ފެތުރެންފެށި ކޮލެރާގައި ،1000 އަށްވުރެ ގިނަ މީހުން މަރުވެފައެވެ. އެ އަދަދު މިހާރު ބަލައިފިނަމަ އެތައް ގުނައަކަށް އިތުރުވާނެއެވެ. ހައިޓީގެ ރައްޔިތުން އެދެމުން ދަނީ އެކަމުގެ ފުރިހަމަ ބަދަލަކަށެވެ.
އދ އިން އދގެ ފައުޖުތައް ޤައުމުތަކަށް ފޮނުވަނީ މޮޅެތި ނަންނަމުގައެވެ. ނަމަވެސް ކުދަކުދިންނާއި އަންހެނުންނާއި ގަދަކަމުން ޖިންސީ ގުޅުން ހިންގުމާއި ރައްޔިތުންނަށް ބޮޑެތި މުސީނާތްތައް ޖެއްސުވުމަކީ އދ ގެ ފައުޖުތަކުގެ ޢާންމު ކަންކަމެވެ. އެއިން ކަމެއް ބަލައި ބަދަލެއް ލިބޭނެ ގޮތެއް ވެސް އދ އަކުން ނުދައްކައެވެ.
އދ އަކީ ދުނިޔޭގެ ބެލެނިވެރި ފަރާތްކަށް ބަލަމުން ގެންދާއިރު މިފަދަ މައްސަލަތައް އިތުރުވެ އދ އަށް ވަނީ މޫނު ނިވާކުރަންޖެހިފައެވެ.