ޕެޓްރޯލް ޕަމްޕެއްގައި އަލިފާން ރޯވުމުގެ ފުރުޞަތު އޮތް ހާދިސާއެއް ކުރިމަތިވުމުން އެޕަމްޕު ސަލާމަތްކުރި މީހަކަށް ސައުދީ ކްރައުން ޕްރިންސް، މުޙައްމަދު ބިން ނާއިފް ފައިސާގެ ބޮޑު އިނާމެއް ދެއްވައިފިއެވެ.
އެ ހާދިސާ ހިނގަން މެދުވެރިވީ ޕެޓްރޯލް ޕަމްޕަކަށް ޕެޓްރޯލް އަޅަން ގޮސް އޮތް ކާރެއްގައި އަލިފާން ރޯވުމުން އެތަނުގެ މުވައްޒިފުން ކުރި މަސައްކަތުން އަލިފާން ނުނިވުމުން ތަނުގައި އަލިފާން ހިފައިފާނެ ކަމުގެ ބިރު އުފެދިފައިވަނިކޮށް ވައިރެއްގައި މަޅިޖަހައި އެއްލައިގެން ކާރު އެތަނުން ދަމާފައި ދުރުކުރުމުންނެވެ.
ޕްރިންސް ނާއިފް ވިދާޅުވީ އޭނާ އެކޮށްދިނީ ވަރަށް ބޮޑު ކަމެއް ކަމަށާއި އެކަމުގެ ސަބަބުން އެތަން ސަލާމަތް ކުރުން އެއީ ފާހަގަކުރަންޖެހޭނެ ޚިދުމަތެއް ކަމަށެވެ.
މިފަދަ ޚިދުމަތްކުރާ ފަރާތްތަކަށް ޕްރިންސް ނާއިފް ގެންދަވަނީ އަގު ބޮޑު އިނާމު ދެއްވަމުންނެވެ.
އަލްޒުލްފީގެ ޕެޓްރޯލް ސްޓޭޝަނެއްގައި ހިނގި މިހާދިސާގެ ވީޑިއޯ ހާމަވުމުން ކާރު އެތަނުން ދަމާފައި ނެރުނު އަލްނާފީއަށް ގިނަ ބައަކު ގެންދަނީ ތައުރީފްކުރަމުންނެވެ.