އަންނަ އެޕްރިލްމަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ފަރަންސޭސިވިލާތުގެ ރައީސްކަން ލިބިއްޖެނަމަ މުސްލިމުން އައުރަ ނިވާކުރާ ފަދައިން އައުރަ ނިވާކުރުން ޤާނޫނު އަސާސީއަށް ބަދަލުގެނެސްގެން ނަމަވެސް މަނާކުރާނެ ކަމަށް އެ ޤައުމުގެ ކުރީގެ ރައީސް ސަރްކޯޒީ ބުނެފިއެވެ.
ސަރުކޯޒީ ބުނީ އެ ޤައުމުގެ 5 ސްޓޭޓެއްގައި މިހާރުވެސް އެ ސްޓޭޓްތަކުން އަމިއްލައަށް މަނާކޮށްފައިވާ ބުރުކިނީ ލަައިގެން މޫދަށް އެރުން ފަދަ ކަންކަން ވެސް ޤާނޫނަކުން މަނާކުރާނެ ކަމަށެވެ. "އަހަރެން މި ވައުދުވަނީ އެކަމަށް ގެންނަންޖެހޭ ބަދަލު ޤާނޫނު އަސާސީއަށް ގެނައުމަށް. މި ޤައުމަށް ބަލައިފި ނަމަ މިހާރުވެސް 30 ފަހަރު ޤާނޫނު އަސާސީއަށް ބަދަލު ގެނެވިއްޖެ. އަދިވެސް އެކަން ކުރުމަކީ މައްސަލައެއް ނޫން."
ސަރުކޯޒީ މިމޭރުމުން އިއުލާނުކޮށްފައިވާއިރު ފަރަންސޭސިވިލާތުގެ އެންމެ މަތީ އިދާރީ ކޯޓުން ވަނީ މިފަދަ ނިންމުމެއް ނުނިންމޭނެ ކަމަށް ކަނޑައަޅައިފައެވެ. އަދި ހޯމް މިނިސްޓްރީން ބުނެފައިވަނީ ވަކި ގޮތަކަށް ހެދުން އަޅަންޖެހޭ ގޮތަށް ފާސްކުރެވޭ އެއްވެސް ޤާނޫނަކީ ޞައްޙަ ޤާނޫނަކަށް ނުވާނެ ކަމަށެވެ.
އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރާ "ޓްރަމްޕް" ވެސް ގެންދަނީ މުސްލިމުންނަށް ގޮންޖެހުންތައް އިއުލާނުކުރަމުންނެވެ.