ދިވެހި ޤައުމީ ޓީމް، 5-0 އަކުން ބަންގާޅު ޓިމް ބަލިކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ދިވެހި ޤައުމީ ޓީމް، 5-0 އަކުން ބަންގާޅު ޓިމް ބަލިކޮށްލައިފި
މިރޭ ގަލޮޅު ދަނޑުގައި ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗްގައި ބަންގްލަދޭޝް ޓީމުގެ މައްޗަށް ދިވެހި ޤައުމީ ޓީމު ކުރި ހޯދައި 5 ލަނޑު 0 ލަނޑުގެ ބޮޑު ބައްޔަކުން ބަލިކޮށްލައިފިއެވެ.

މެޗްގައި ދިވެހި ޤައުމީ ޓީމުން 5 ލަނޑުވެސް ޖަހާފައިވަނީ ފަހު ހާފްގައެވެ. މަޝްހޫރު ކުޅުންތެރިޔާ އަސަދުﷲ ވަނީ 3 ލަނޑު ޖަހައި ހެޓްރިކް ހަދައިފައެވެ. އަނެއް 2 ލަނޑު ޖަހައިދިނީ ހަމްޒާ މުޙައްމަދު އާއި އިސްމާޢީލް ޢީސާ އެވެ.

މެޗްގެ ފުރަތަމަ ހާފްގައި ބަންގްލަދޭޝް ކުޅުންތެރިން މަސައްކަތްކުރީ ދިވެހި ޓީމުގެ ގޯލަށް ޖެހުމުގެ ބަދަލުގައި ދިވެހި ކުޅުންތެރިންނަށް އަނިޔާ ކުރުމަށެވެ. އެފަހަރާ ބަންގްލަދޭޝްގެ 2 ކުޅުންތެރިން އަތާ ފައިން އަޝްފާޤަށް ޙަމަލާދިންތަންވެސް ވަނީ ފެނިފައެވެ.

މިރޭގެ މެޗް ބަލަން ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުންވަދެ އެމީހުންގެ ޓީމަށް ސަޕޯޓްކުރިއެވެ. ދިވެހިންނަށްވުރެ ބަންގްލަދޭޝް ސަޕޯޓަރުންގެ އަދު ގަދަވި ވަގުތައްވެސް ދިއައެވެ. ދިވެހި ޓީމުން 2 ލަޑުގެ ލީޑެއް ހޯދުމުން ގިނަ އަދަދެއްގެ ބަންގްލަދޭޝް ސަޕޯޓަރުން ވަނީ ދަނޑުން ނުކުމެފައެވެ.

މިރޭގެ މެޗަކީ މިމަހުގެ 6 ވަނަ ދުވަހު ލާއޯސް އާއިއެކު ކުޅެންޖެހޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗެކެވެ.
މިއަދު އޮންލައިން