އޭޝިއަން ބީޗު ގޭމްސްގައި ވާދަކުރާ ގައުމީ ރޯވިން ޓީމް އިއުލާން ކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 54ސ
އޭޝިއަން ބީޗު ގޭމްސްގައި ވާދަކުރާ ގައުމީ ރޯވިން ޓީމް އިއުލާން ކޮށްފި
މި މަހު 24 އިން އޮކްޓޯމަރު 3 އަށް ވިއެޓްނާމުގައި ބާއްވާ ފަސްވަނަ އޭޝިއަން ބީޗް ގޭމްސްގައި ރޯވިންގައި ރާއްޖެއިން ވާދަކުރާ ގައުމީޓީމް އިއުލާން ކޮށްފިއެވެ.

އައްޑޫ ސިޓީކައުންސިލް އިދާރާގައި އަންގާރަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތެއްގައި އިއުލާންކުރި ގައުމީ ރޯވިން ޓީމުގައި ހިމެނެނީ 4 އަންހެން ކުދިންނާއި 4 ފިރިހެން ކުދިންނެވެ. އޭގެ އިތުރަށް ދެ އޮފިޝަލަކުވެސް ހިމެނެއެވެ.

މިޓީމް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 ވަނަދުވަހުއެވެ. ރޯވިން އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބު ވިދާޅުވީ މި މުބާރާތުގައި 22 ކުޅިވަރެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ކުޅިވަރުތަކުގައި ދުނިޔޭގެ 45 ގައުމަކުން ވާދަކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ މި މުބާރާތަށް ރޯވިންޓީމް ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ. އެހެން ކަމުން އެކަށީގެންވާ ރަނގަޅު ކާމިޔާބެއް ހޯދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިންވެސް ގައުމީ ރޯވިން ޓީމްވަނީ ބޭރުގެ މުބާރާތްތަކުގައި ވާދަކޮށްފައެވެ.

މި މުބާރާތުގައި ވާދަކުރާ ރޯވިން ޓީމުގެ ޓްރެވަލްޕާޓުނަރަކީ މޯލްޑިވިއަންއެވެ. ޑިވެލޮޕްމަންޓް ޕާޓުނަރަކީ ދިރާގެވެ.
މިއަދު އޮންލައިން