ކައު އިތުރު ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ޤަބޫލުނުކުރާ މީހުންނަކީ މުސްލިމުންގެ ތެރެއިންވާ ބައެއް ނޫން ކަމަށް ސައުދީގެ އެންމެ އިސް މުފްތީ ފަޟީލަތުއްޝައިޚް ޢަބްދުލްޢަޒީޒް އައްޝައިޚް ވިދާޅުވެއްޖެއެވެ.
އިސް މުފްތީ މިމޭރުމުން ވިދާޅުވެފައިވަނީ މިއަހަރުގެ ހައްޖު މޫސުމުގައި ހަމަނުޖެހުން ހިންގަން އީރާނުން މަސައްކަތް ކުރަމުން ގެންދާތީ އާއި ހައްޖަށް މީހުން ނައުމަށް އީރާނުން ބާރުއަޅާފައިވާތީ އެކަން ކުށްވެރިކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިސްމުފްތީ ވިދާޅުވީ އީރާނުން އަދިވެސް ބަލައިގަނެފައިވަނީ މަޖޫސީންގެ ގޮތްތައް ކަމަށާއި ކައުއިތުރު ރަސުލާގެ ސުންނަތް ޤަބޫލުނުކުރާތީ އީރާނުގައި ތިބި ސުންނަތް ޤަބޫލުނުކުރާ މީހުންނަކީ މުސްލިމުން ނޫން ކަމަށެވެ.
އިސް މުފްތީ ވިދާޅުވީ ހައްޖުވެރިންނަށް ސައުދިއަރަބިޔާއިން ދެމުން ގެންދާ ޚިދުމަތްތަކަކީ މުޅި ދުނިޔެއިން ބަލައިގަނެ ތަރުހީބު ދެމުން ގެންދާ ޚިދުމަތްތަކެއް ކަމަށެވެ. އެހެންކަމުން ސައުދިއަރަބިޔާއިން ޙައްޖުވެރިންނަށް ދެމުންގެންދާ ޚިދުމަތްތައް ބަދުނާމުކުރުމަކީ އީރާނަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ކްރައުން ޕްރިންސް މުޙައްމަދު ބިން ނާއިފް ވެސް ވަނީ ހޯމަދުވަހު އީރާނަށް ރައްދު ދެއްވައިފައެވެ. ޕްރިންސް ނާއިފް ވިދާޅުވީ ސައުދިއަރަބިޔާއިން އީރާނުގެ ހައްޖުވެރިންނަށްވެސް ސައުދީ ސަރުކާރުން ފުރިހަމަ ހިމާޔަތާއި ހައްޖުވުމުގެ ހުރިހައި ހައްޤުތަކެއް، އެއްވެސް ތަފާތުކުރުމެއް ނެތި ދީފައިވާ ކަމަށެވެ.
"އީރާނުން ބޭނުންވަނީ ހައްޖުގެ މަޞްލަހަތު ނަގައިލަން. ހަމަނުޖެހުން ހިންގަން. އެކަންކަން ކުރުމުގެ ފުރުޞަތެއް ނުދެވޭނެ." ޕްރިންސް ނާއިފް ވިދާޅުވިއެވެ.