ރަސިއާ މެދުވެރިވެގެން މޮސްކޯގައި ފަލަސްޠީނާއި އިޒްރޭލުގެ މެދުގައި ބާއްވަން މަސައްކަތްކުރި ބައްދަލުވުން އިޒްރޭލުން ފަހުގެ "ތާރީޚަކަށް" ލަސްކޮށްފިއެވެ.
ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވިދާޅުވީ މިމަހުގެ 9 ވަނަ ދުވަހު މޮސްކޯގައި ބާއްވަން ހަމަޖެއްސި ބައްދަލުވުމަށް ވަޑައިގަންނަވަން ހުންނެވީ ތައްޔާރަށް ކަމަށެވެ. ނަމަވެސް ބައްދަލުވުން ލަސްކުރަން އިޒްރޭލުން ރަސިއާގައި އެދިފައިވާ ކަމަށެވެ.
މަޙްމޫދު ޢައްބާސް ވިދާޅުވީ ނަތީޖާއެއް ނެރެވޭނެ ކޮންމެ ބައްދަލުވުމަށްވެސް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށެވެ.
ފްރާންސްގައި މިއަހަރު ބޭއްވި ދުނިޔޭގެ ކްލައިމެޓް ކޮންފަރެންސުގައި ނަތަޔާންހޫ އާއި މަޙްމޫދު އައްބާސް ވަނީ ސަލާމް ކުރައްވައިފައެވެ. ނަމަވެސް ދެބޭފުޅުންގެ މެދުގައި ބައްދަލުވުމެއް އެންމެ ފަހުން ބާއްވަވައިފައިވަނީ 2010 ވަނަ އަހަރުއެވެ.