އިންޑިއާގެ ޖައްމޫ ކަޝްމީރުގެ ހާލަތު އިތުރަށް ހޫނުވަމުން އަންނާތީ އިންޓަރނެޓާއި މޯބައިލް ފޯނުގެ ޚިދުމަތް ކަނޑާލައިފިއެވެ.
ސަރުކާރުން ބުނީ މިފަދަ ފިޔަވަޅެއް އެލީ ކުއްލި ހާލަތުގައި އަމަލުކުރަން އޮންނަ ޤާނޫނުގެ ދަށުން ކަމަށާއި ޚިދުމަތް އަދި ކަނޑައިލީ 72 ގަޑިއިރަށް ކަމަށެވެ. ސަރުކާރުން މިފަދަ ފިޔަޥަޅުތަކެއް އަޅާފައި މިވަނީ އަޟްޙާ އީދާއި ދިމާކޮށް ގިނަ ބައަކު މަގުތަކަށް ނުކުމެ ހަމަނުޖެހުން ހިންގައިފާނެ ކަމުގެ ބިރު އޮތުމުން ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.
ފުލުހުންނާއި ސިފައިން ޢާންމުކޮށް ބޭނުންކުރަނީ ބީއެސްއެންއެލްގެ ޚިދުމަތްކަމަށްވާތީ އެކުންފުނީގެ ކަސްޓަމަރުންގެ ތެރެއިން ޕޯސްޓް ޕެއިޑްގެ ޚިދުމަތް ބޭނުންކުރާ ކަސްތަމަރުންގެ ޚިދުމަތް ފިޔަވައި އެހެން ހުރިހައި ޚިދުމަތްތައް ވަނީ ކަނޑާލައިފައެވެ. އަދި އެނޫން ކުންފުނިތަކުގެ ހުރިހައި ޚިދުމަތެއް ކަނޑާލުމަށް ސަރުކާރުން ވަނީ އަމުރުކޮށްފައެވެ.
ސިފައިން ދިން ހަމަލާއެއްގައި ހުޒްބުލް މުޖާހިދީންގެ ލީޑަރެއް ކަމަށްވާ ބުރުހާން ވާނީ މަރުވުމާއި ގުޅިގެން ޖުލައި މަހުގެ 8 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށްވެސް ކަޝްމީރުގައި ވަނީ މޯބައިލް ފޯނުގެ ޚިދުމަތް ކަނޑާލައިފައެވެ.