އިސްލާމް ދީނަކީ އަދުލުވެރިކަމާއި އަޚްވަންތަކަމުގެ ދީން ކަމަށާއި އަދި އިސްލާމް ދީނުގެ މައި ގަނޑު އަސާސްތަކުގެ ތެރޭގައި ތެދުވެރިކަމާއި އަދުލު އިންސާފު ނެގެހެއްޓުމާއި ލޯތްބާއި ކުލުނާއި އަޅައިލުމާއި ޞުލްޙަވެރިކަން ހިމެނޭކަމަށް ސައުދިއަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ވިދާޅުވެއްޖެއެވެ.
ސަލްމާން ރަސްގެފާނު މިމޭރުމުން ވިދާޅުވީ ހައްޖަށް ވަޑައިގެންތިއްބެވި އެކި ޤައުމުތަކުގެ އިއްޒަތްތެރިންނަށް މިނާގައި ދެއްވެވި ޖާފަތުގައެވެ.
ސަލްމާން ރަސްގެފާނު ވިދާޅުވީ މުސްލިމް ޤައުމުތަކުގައި އުފެދިފައިވާ ބައިބައިވުންތަކާއި ކޯޅުންޔަކުގެ ސަބަބުން އިސްލާމީ އުންމަތް މިދަނީ ބަލިކަށިވަމުން ކަމަށާއި އެ ހާލަތުން އިސްލާމީ އުންމަތް ސަލާމަތްކުރުމަށް ގަދައަޅައި މަސައްކަތްކުރަން ޖެހިފައިވާ ކަމަށެވެ.
ސަލްމާން ރަސްގެފާނު ވިދާޅުވީ މުސްލިމް ޤައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ހަރުކަށި ފިކުރާއި އެ ފިކުރުގެ ސަބަބުން ކުރިމަތިވާ ޓެރަރިޒަމްގެ މައްސަލަތައް ކަމަށެވެ. "ޤައުމަކަށް ހަރުކަށި ފިކުރު ވަދެއްޖެނަމަ އެޤައުމެއް މިދަނީ ހަލާކުވެގެން. ފަނާވަމުން. މިއީ އިސްލާމީ އުޞޫލެއް ނޫން. އިސްލާމް ދީނަކީ ޞުލްޙަވެރިކަމާއި އަމާންކަމުގެ ދީން. އެކަކު އަނެކަކަށް އެހީތެރިވުމުގެ ދީން. އިސްލާމް ދީނަކީ އެމީހާގެ ފިކުރާ ދިމާނުވާ އެންމެން މަރައި ހުސްކުރުމުގެ ދީނެއް ނޫން. އަދި ފިކުރު ދިމާނުވާ މީހުންނަށް އަނިޔާވެރިވުމުގެ ދީނެއްވެސް ނޫން."
"ހަރުކަށި ވިސްނުން އިންސާނުންގެ ހަށިގަނޑުގެ ތެރެއަށް ވަނުމުން ޤައުމުތަކުނެ ނަން މިދަނީ ޚަރާބުވެގެން. ޤައުމުތައް ވެށްޓެނީ ހަލާކުގެ ތެރެއަށް. މާލީ ގޮތުން އެދަނީ އިނދަޖެހެމުން. މިހެން މިކަންކަން ވަމުން އަންނަ ނަމަ މުސްލިމް އުންމަތް ދާނީ ދުނިޔޭގެ ސަފުތަކުން ބާކީވަމުން."
ސަލްމާން ރަސްގެފާނު ވިދާޅުވީ ހަރުކަށި ވިސްނުމަކީ މުސްލިމުންގެ މެދުގައި ފެތުރެމުން އަންނަ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށެވެ. އަދި އެބައްޔަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތް މީސްތަކުންނަށް، ޚާއްޞަކޮށް ޒުވާނުންނަށް ދަސްކޮށްދިނުން ކަމަށެވެ.