ބިރުދައްކައި އަނިޔާވެރިވާ ފިރިންނާއިއެކު އެއްވެސް އަންހެނަކަށް ދިރިއުޅުމެއް ނުލިބޭނެ: ސައުދީ ފަނޑިޔާރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ބިރުދައްކައި އަނިޔާވެރިވާ ފިރިންނާއިއެކު އެއްވެސް އަންހެނަކަށް ދިރިއުޅުމެއް ނުލިބޭނެ: ސައުދީ ފަނޑިޔާރު
މާތްﷲ ހަރާމް ކުރައްވަވާފައިވާ އެއްވެސް ކަމެއް ކުރުމަށް އަމުރުކުރާނަމަ އެމީހަކާއިއެކު އުޅެން މުސްލިމް އަނބިންނަށް ހުއްދަ ނޫން ކަމަށާއި ބިރުދެއްކުމާއި އަނިޔާވެރިވުން ފަދަ އަމަލުތައް ކުރާ ފިރިންނާއިއެކު އެއްވެސް އަންހެނަކަށް ދިރިއުޅުމެއް ނުލިބޭނެކަމަށް ސައުދީ ޢާއިލީ ކޯޓުގެ ފަނޑިޔާރަކު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރު މިމޭރުމުން ވިދާޅުވީ 50 އަހަރުގެ ފިރިމީހާ، 20 އަހަރުގެ އަނބިމީހާއަށް މަސްތުވާކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް ބޭނުން ކުރަން އަމުރުކުރުމުން ގެންދާތީ ކައިވެނި ރޫޅާލައިދިނުން އެދި އަނބިމީހާގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ކޯޓުން ކައިވެނި ރޫޅައިލުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.

ފަނޑިޔާރު ވިދާޅުވީ އަނބިމީހާގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅުމުން ކުރި ޝަރީއަތުގައި ހަޝިޝް ބޭނުން ނުކޮށްގެންނާއި އެހެންވެސް ބައެއް ހާލަތްތަކުގައި ފިރިމީހާ، އަނބިހާއަށް ބިރު ދައްކައި އަނިޔާކުރާކަންވެސް ސާބިތުވި ކަމަށެވެ.

ދިޔާނާގެ ފިރިމީހާ އޭނާއަށް ހަޝިޝް ބޭނުންކުރަން އަމުރުކުރުމުން އެކަމަށް ދެކޮޅު ހަދައިފިނަމަ ބިރު ދައްކައި އަނިޔާވެރިވެއެވެ. އަދި ލިބިފައި ތިބި ދަރިންނާއި ވަކިކުރުވާނެ ކަމުގެ ބިރުވެސް ދައްކައެވެ.

ފިރިމީހާ ޝަރީއަތުގެ މަޖިލީހުގައި ފުރަތަމަ ކުރީ އިންކާރެވެ. ނަމަވެސް ކިިންގ ފައިސަލް ހޮސްޕިޓަލުން ދީފައިވާ ރިޕޯޓްތައް ދެއްކުމުން ފިރިމީހާ ވަނީ ކުށަށް އެއްބަސްވެފައެވެ.

ފިރިމީހާއަށް އިތުރު ފުރުޞަތެއް ކޯޓުން ނުދިނީ އޭނާ އަކީ ހަޝިޝް އާއި ބަނގުރަލުގެ ދެ މައްސަލައެއްގައި ކުރިން ޖަލުގައި ބަންދުކޮށްފައިވާ މީހަކަށްވުމުންނެވެ.
މިއަދު އޮންލައިން