ސިފައިންގެ އިންޤިލާބަކުން ޕާކިސްތާނުގެ ސަރުކާރު އަތުލައި ބޮޑުވަޒީރުކަން ކުރި ޖެނެރަލް މުޝައްރަފްގެ ހުރިހައި މިލްކެއް ސަރުކާރަށް ނެގުމަށް ދަށުކޯޓުން ޙުކުމްކޮށްފިއެވެ.
ކޯޓޫން އެކަމަށް ޙުކުމްކުރީ 2007 ވަނަ އަހަރު ސިފައިން ރެޑް ފޯޓް މިސްކިތަށް ދިން ހަމަލާތަކުގައި 100 އަށްވުރެ ގިނަ މީހުން މަރުވެ އެތައް ބައަކަށް އަނިޔާވި ހާދިސާގައި ބަދަލު ދިނުމަށެވެ.
މުޝައްރަފް ވަނީ މިއަހަރުގެ މާޗް މަހު ސިއްޙީ ފަރުވާއަށްކަމަށްބުނެ ދުބާއީ އަށް ގޮސްފައެވެ. 1999 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރަށް މުޝައްރަފު ކުރި ވެރިކަމުގައި ހިންގާފައިވާ ޤާނޫނާ ޚިލާފު ގިނަ ކުށްތަކާއި ގުޅިގެން މުޝައްރަފުގެ މައްޗަށް ވަނީ ގިިނަ ދައުވާ ތަކެއް އުފުލައިފައެވެ.
މިއަހަރުގެ ޖުލައި މަހުވެސް ވަނީ މުޝައްރަފުގެ މައްސަލަތައް ބަލަމުން ގެންދާ ޚާއްޞަ ކޯޓަކުން މިފަދަ ޙުކުމެއް ކޮށްފައެވެ. ސަރުކާރުން އެކަމަށް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ. ގިނަ ބައަކު ބުނަނީ ދެވަނަ ޙުކުމާއި ގުޅިގެން ޙުކުމް ތަންފީޒުކުރަން މަސައްކަތްކުރަން ސަރުކާރަށް މަޖުބޫރުވާނެ ކަމަށެވެ.
މުޝައްރަފުގެ މައްޗަށް ވަނީ އެތައް ގިނަ ލީޑަރުން މެރުމުގެ ދައުވާ އުފުލައިފައެވެ. އެހެންކަމުން މުޝައްރަފުގެ މައްޗަށް މެރުމަށް ޙުކުމް ކުރުމަކީ ވަރަށް ގާތްކަމެކެވެ.