ރަސިއާ އަދި ސީރިޔާ ސަރުކާރުގެ ސިފައިންނާއި ދެކޮޅަށް ހަމަލާ ދިނުމަކީ 3 ވަނަ ބޮޑު ހަނގުރާމައެއްގެ ފެށުން ކުރިމަތިވެދާނެ ސަބަބެއް ކަމުގެ އިންޒާރު ރަސިއާ އިން ދީފައިވަނިކޮށް ގުޅިފައިވާ ލަޝްކަރުން ސީރިޔާ ސަރުކާރުގެ ސިފައިންނަށް ހަމަލާދީފިއެވެ.
އެމެރިކާ އިސްވެ އޮވެ ކުރިއަށް ގެންދާ ގުޅިފައިވާ ލަޝްކަރުން ސީރިޔާ ސިފައިންގެ މަރުކަޒުތަކަށް ހަމަލާދީފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މިފަދަ ހަމަލާތަކެއް ދީފައި މިވަނީ ރަސިއާ އާއި އެމެރިކާގެ މެދުގައި ކުރިއަށް ގެންދިއަ މަޝްވަރާތަކުން އެއްވެސް ހައްލެއް ނުހޯދުމުންނެވެ.
ގުޅިފައިވާ ލަޝްކަރުން ތަކުރާރުކޮށް އަންގަމުން ގެންދިއައީ ސީރިޔާގެ ރައްޔިތުންނަށް ބޭނުންވާ އެހީގެ ތަކެތި ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަށާއި އެކަން ކުރެވެންދެން ހަނގުރާމަކުރުން މެދުކަނޑައިލުމަށެވެ. ހަނގުރާމަ މެދުކަނޑައިލި ކަމަށް ބުނުމަށްފަހުވެސް ހަމަލާތައް ބަދަލުކުރަމުން ގެންދިއުމުން އެހީގެ ތަކެތި ފޯރުކޮށްދެވިފައެއް ނުވެއެވެ. ގުޅިފައިވާ ލަޝްކަރުން ވަނީ އެހީގެ ތަކެތި ފޯރުކޮށްދެވޭނެ މަގު ފަހިކޮށްދިނުމަށް ސީރިޔާގެ ކިބައިން އެދިފައެވެ. ޖަވާބުގައި ބަޝާރުލް އަސަދު ވިދާޅުވީ ޓެރަރިސްޓުން ބަލިކުރައްވައި މުޅި ސީރިޔާ ފަތަހަކުރައްވާނެ ކަމަށެވެ. އަދި ސީރިޔާ އަލުން އާރާސްތުކުރައްވާނެ ކަމަށެވެ.
އދ އަށް ކަނޑައަޅާފައިވާ އެމެރިކާގެ ސަފީރު ބުނީ ގުޅިފައިވާ ލަޝްކަރުން ހަމަލާ ދިނީ އައިއެސްގެ މަރުކަޒުތަކަށް ކަމަށާއި ހަމަލާތަކުގައި ސީރިޔާ ސިފައިން މަރުވެފައިވާނަމަ އެކަން ބަލާނެ ކަމަށެވެ. އަދި ސީރިޔާ ސިފައިން މަރުވުމަކީ ކަންބޮޑުވާ އަދި ހިތާމަކުރާ ކަމެއް ކަމަށެވެ.
ރަސިއާ އިން ބުނީ ގުޅިފައިވާ ލަޝްކަރުން އިއްޔެ ދިން ވައިގެ ހަމަލާތަކުގައި ސީރިޔާގެ 62 ސިފައިން މަރުވެ 100 އަށްވުރެ ގިނަ ސިފައިން ޒަޚަމްވެފައިވާ ކަމަށެވެ. އަދި މިހަމަލާތައް ދީފައިވަނީ އިރާޤްގެ ސަރަހައްދުން އައި ބޮންއަޅާ ބޯޓުތަކުން ކަމަށެވެ.
ސީރިޔާގައި އިންސަނީ ހައްޤުތައް މޮނިޓަރކުރަމުން ގެންދާ ޖަމާއަތުން ބުނީ ހަމަލާތައް ދިނީ ގުޅިފައިވާ ލަޝްކަރުން ކަމަށާއި ހަމަލާތަކުގައި 82 މީހުން މަރުވި ކަމަށެވެ.
ރަސިއާ އިން މިހާރު ވަނީ އދ ގެ ސެކިޔުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވަން މަސައްކަތްތައް ފަށައިފައެވެ. "މިބައްދަލުވުމުގައި އެމެރިކާއަށް ޖެހޭނެ މި މައްސަލައިގަ ޖަވާބުދާރީވާން."
ރަސިއާގެ ސަފީރު ވަނީ އެރިކާ އާއި ރަސިއާ އާއި ދެމެދު ވެފައިވާ އެއްބަސްވުމާއި އެމެރިކާއިން ޚިލާފުވާނަމަ އެކަމުގެ އަގުދައްކަން އެމެރިކާއަށް ޖެހޭނެ ކަމުގެ އިންޒާރު ދެއްވައިފައެވެ.