ޖައްމޫ ކަޝްމީރުގެ އިންޑިއާ ފަޅީގައި ހުރި މިލިޓަރީ ކޭމްޕަކަށް ހަމަލާދީ 17 މީހުން މަރާލައި 19 މީހުން ޒަޚަމްކޮށްލުމުގެ އަގު ދައްކަން އެކަން ކުރި މީހުންނަށް ޖެހޭނެ ކަމަށް އިންޑިއާގެ ބޮޑުވަޒިރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިއަދު ޓްވީޓް ކުރައްވައި ވިދާޅުވީ އެހާދިސާގެ ފަހަތުގައި ތިބި މީހުންނަށް ފިލައި ނުތިބެވޭނެ ކަމަށާއި އެމީހުންނަށް ހައްޤު އަދަބު ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.
އިންޑިއާގެ ހޯމް މިނިސްޓަރު މިއަދު ވަނީ ޕާކިސްތާނަކީ ޓެރަރިސްޓް ސްޓޭތެއް ކަމަށް ސިފަ ކުރައްވައިފައެވެ.
"އެހަމަލާދިނީ ޕާކިސްތާނު ފަޅިން. އެމީހުން އީދުތެރޭގައި ހިންގަން އުޅުނު ޓެރަރިސްޓް އަމަލުތައް ނުހިންގުމުން ކުރިކަމެއް އެއީ. އެއަށް ފުރިހަމައަށް ރައްދު ދޭނަން." ހޯމް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
މިއަދުގެ ހޭދިސާ އާއި ގުޅިގެން އިދިކޮޅު ކޮންގްރެސް އިން ވެސް ވަނީ ސިފައިންނާއި އެއްބައިވަންތަކަން ހާމަކޮށްފައެވެ.
ކޮންގްރެސްގެ ލީޑަރަކު ވިދާޅުވީ ޕާކިސްތާނަށް ރައްދުދިނުން ނޫން ގޮތެއް ނެތް ކަމަށާއި ހުރިހައި ވެސް މައްސަލައަކީ ޕާކިސްތާނަށް އިތުބާރުކުރެވުނުކަން ކަމަށެވެ.
"ސަރުކާރުން ކުރަންވީ ކަމަކީ ސާޅިތަކާ ބިރިޔާންޏާ މެޓާ ދިނުމުގެ ސިޔާސަތުދޫކޮށް ފުރިހަމައަށް ރައްދުދޭންވީ." އޭނާ ވިދާޅުވިއެވެ.
ބައެއް ލީޑަރުން ވަނީ ބޯޑަރު ހުރަސްކޮށް ޓެރަރިޒަމްގެ އަމަލުތައް ހިންގުމުގެ ބަދަލުގައި ކަޝްމީރުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރުމަށް ޕާކިސްތާނަށް ގޮވާލައިފައެވެ.
މިއަދުގެ ހަމަލާ އާއި ގުޅިގެންވެސް ގިނަ ލީޑަރުން ވިދާޅުވެފައިވަނީ މައްސަލަ ހައްލުކުރެވޭނީ މަޝްވަރާކޮށްގެން ކަމަށާއި ގަދަބާރު ދައްކައިގެން ނޫން ކަމަށެވެ.
އިންޑިއާ އިން މިއަދު ބުނީ ޓެރަރިސްޓުން އައީ އެންމެ ޒަމާނީ އަދި އެންމެ ބާރުގަދަ ހަތިޔާރު ހިފައިގެން ކަމަށެވެ. އެހެންކަމުން އެއީ ޕާކިސްތާނުން ދިންތަކެތި ކަމަށާއި އެމީހުންނަކީ ޕާކިސްތާނުން ފޮނުވި ބައެއް ކަމަށެވެ.
މިހަމަލާ ދީފައިވަނީ ޕާކިސްތާނުގެ ބޯޑަރާއި ވަރަށް ކައިރީގައި އޮންނަ ޔޫރިގައި ހުރި ސިފައިންގެ ކޭމްޕަކަށެވެ. ޕާކިސްތާނުން ބުނީ އެއްވެސް ތަހްޤީޤްކުރުމެއް ނެތި ކޮންމެ ކަމެއްވެސް ޕާކިސްތާނުގެ ކިބައިގައި އިންޑިއާ އިން އަޅުވަމުން ގެންދަނީ ކަމަށެވެ.