މިއަހަރުގެ ހައްޖު ދުވަހު އުޟްޙިޔާގެ ގޮތުގައި ކަތިލެވުނު ތަކެތީގެ މަހުން 219 ޓަނު މަސް 10،000 އާއިލާއަށް ބެހި ކަމަށް ސައުދީ ސަރުކާރުން ބުނެފިއެވެ.
ސައުދީ ސަރުކާރުން ބުނީ މަސައްތައް ބެހީ އެކަންކޮށްދިނުމަށް ވޮލަންޓިއަރ ކުރި ޖަމާއަތްތައް މެދުވެރިކޮށް ކަމަށާއި ބަހާފައިވާނީ އެއިގެ ހައްޤުވެރިންނަށް ކަމަށެވެ. އަމިއްލަ ޖަމާއަތްތަކުން ވަނީ ނިކަމެތި ޢާއިލާތައް ފާހަގަކޮށް ފަޤީރުންގެ ލިސްޓު ކުރިއަށް ހަދައިފައެވެ.
އުޟްޙިޔާގެ ގޮތުގައި ކަތިލެވޭ ތަކެތީގެ މަހުން ބޮޑުބައެއް ފިނިކުރުމަށްފަހު ފަޤީރު ޤައުމުތަކަށް ވެސް ފޮނުވައިދެއެވެ. އެކަން ވެސް ކޮށްދެނީ ސައުދީ ސަރުކާރާއި އަމިއްލަ ޖަމާއަތްތަކުންނެވެ.
އުޟްޙިޔާގެ ގޮތުގައި ކަތިލެވޭ ތަކެތީގެ ޙައްޤުވެރިންނަކީ ނިކަމެތި ފަޤީރުންނެވެ. އެހެންކަމުން އެ މަސް އެއިގެ ހައްޤުވެރިންނަށް ފޯރުކޮށްދިނުމަށް ސައުދީ ސަރުކާރުން އަބަދުވެސް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއެވެ.