އިންޑިއާގެ މުސްލިމުން ހައްޖުވުމުގެ ކަންކަން ބެލެހެއްޓުން މައިނޯރިޓީ އެފެއަރޒް މިނިސްޓްރީއަށް ބަދަލުކުރުމުން މުސްލިމުން ކަންބޮޑުވުން ފައުޅުކުރަން ފަށައިފިއެވެ.
އޯލް އިންޑިއާ މުސްލިމް މަޖިލީހުގެ ރައީސް ކަން ކުރައްވާފައިވާ މިލީ މެގަޒިންގެ އެޑިޓަރ ޑރ.ޒަފަރުލް އިސްލާމް ޚާން ވިދާޅުވީ ހައްޖުގެ ކަންކަން ކުރިން ބަލަހައްޓަމުން އައި އިންޑިއާގެ ޚާރިޖިއްޔާ އިން އެ މަސައްކަތް މައިނޯރިޓީ އެފެއަރޒް މިނިސްޓްރީއަށް ބަދަލުކުރުމަކީ ވަރަށް ދެރަކޮށް ސަރުކާރުން ކުރި ކަމެއް ކަމަށެވެ.
ޑރ.ޒަފަރުލް އިސްލާމް ޚާން ވިދާޅުވީ މައިނޯރިޓީ އެފެއަރޒް މިނިސްޓްރީއަކީ ސަރުކާރުގެ މިނިސްޓްރީއެއް ނަމަވެސް އެ މިނިސްޓްރީއަކީ އެއްވެސް މަސައްކަތެއް ކުރުމުގެ ޤާބިލުކަން ނެތް "ނުކުޅެދުންތެރި" މިނިސްޓްރީއެއް ކަމަށެވެ.
"އެތަނަކީ އެއްވެސް ކަމެއް ކުރުމުގެ ޤާބިލުކަން ހުރި މިނިސްޓްރީއެއް ނޫން. އެއްވެސް ކަމެއް ރާވައި ހިންގުމުގެ ޤާބިލުކަން ހުރި ތަނެއް ނޫން އެމިނިސްޓްރީއަކީ. 150،000 މީހުން ހައްޖަށް ދިއުމަށް ކުރަންޖެހޭ އިންތިޒާމުތައް ކުރުމުގެ އެއްވެސް ޤާބިލުކަމެއް އެމިނިސްޓްރީއަކު ނުހުންނާނެ. އެއީ ހަމައެކަނި ނަމެއްގައި ހިންގާ މިނިސްޓްރީއެއް." ކަމަށް ވެސް ޑރ.ޒަފަރުލް އިސްލާމް ޚާން ވިދާޅުވިއެވެ.
ޑރ.ޒަފަރުލް އިސްލާމް ޚާން ވިދާޅުވީ މައްކާ އާއި މަދީނާގައި ހައްޖުވެރިން ތިބުމުގެ އިންތިޒާމުތައް މިހާރުވެސް ހަމަޖައްސަނީ ހައްޖަށް މީހުން ގެންދާ ޖަމާއަތްތަކުން ކަމަށެވެ. އެހެން ނަމަވެސް ސައުދީގައި ކަމެއް މެދުވެރިވެއްޖެ ނަމަ އެކަމެއް ހައްލުކުރެވޭނެ ފަރާތަކީ ހަމައެކަނި ފޮރިން މިނިސްޓްރީ ކަމަށެވެ. "
ޑރ.ޒަފަރުލް އިސްލާމް ޚާން ވިދާޅުވީ މައިނޯރިޓީ މިނިސްޓްރީގައި މުވައްޒިފުން މަދުވުމުގެ ސަބަބުން އެ މިނިސްޓްރީން ކުރުމަށް ސަރުކާރުން މިހާރު ކަނޑައަޅާފައިވާ މަސައްކަތްތައް ވެސް ނުކުރެވޭ ކަމަށާއި އެހެންކަމަށްވާއިރު ދޮޅު ލައްކަ މީހުން ހައްޖުވުމަށް ކުރަންޖެހޭ ކަން އެ މިނިސްޓްރީއަށް ނުކުރެވޭނެކަން އެންމެންނަށްވެސް އެނގޭ ކަމަށެވެ.