ލޯބި ނުވެގެން ދިއްލީގެ މަގުމަތީގަ ތަޅާ އަނިޔާކޮށް ވަޅިހަރައި އަންހެނަކު މެރި އިރުވެސް ފެނުނު އެންމެން ލޯކަނު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ލޯބި ނުވެގެން ދިއްލީގެ މަގުމަތީގަ ތަޅާ އަނިޔާކޮށް ވަޅިހަރައި އަންހެނަކު މެރި އިރުވެސް ފެނުނު އެންމެން ލޯކަނު!
އިންޑިއާގެ ވެރިރަށް ދިއްލީގެ މަގުމަތިން ދަނިކޮށް ތަޅައި ފުޓްބޯޅައެއްހެން ޖަހައި 22 ތަނަށް ވަޅި ހަރައި ޒުވާން އަންހެން ކުއްޖަކު މަރައިލި އިރުވެސް އެތަން ފެނުނު އެއްވެސް މީހަކު ހުރިކަމަކަށް ނުވިއެވެ. އެތައް ސަތޭކަ ބައަކު ހަމަ އަޅައިވެސް ނުލައި މަގުން ހިނގާފައި ދިއައީއެވެ.

ރިޕޯޓްތައް ބުނާގޮތުން މިއަމަލު ހިންގި ފިރިހެން މީހާއަކީ ކުރީގައި އަންހެން ކުއްޖާގެ އަވަށްޓެރިއެކެވެ. އޭނާ އެތައް ފަހަރަކު ލޯބި ހުށަހެޅުމުން ވެސް އަންހެން ކުއްޖާ އަޅައި ނުލީ އޭނާއަކީ މީހެއްގެ ފިރިއަކަށްވާތީ އާއިލީ ދިރިއުޅުމެއްގެ ތެރެއަށް ނުވަނުމަށެވެ.

އަންހެން ކުއްޖާ އަކީ އުމުރުން 22 އަހަރުގެ ސްކޫލް ޓީޗަރެކެވެ. މަގުމަތިން ހިނގާފައި ދިއައީ އޭނާގެ ދެބެންގެ ދެދަރި ބޭބެއަކާއިއެކު ބާޒާރުކުރުމަށެވެ. އެމަންޒަރު ފެނުމުން ފިރިހެންމީހާ ސައިކަލެއްގައި އައިސް ކުރިމައްޗަށް މަޑުކުރުމަށްފަހު ހަމަލާދޭން ފެށީއެވެ.

ދިއްލީގެ މަގުތަކަކީ އަބަދުވެސް އެތައް ސަތޭކަ ބައަކު ހިނގައި އުޅޭ މަގުތަކެކެވެ. އެތައް ސަތޭކަ ވެހިކަލްތަކެއް ވެސް މެދުނުކެނޑި ދުއްވާ މަގުތަކެކެވެ. މިވަރުގެ ކަމެއް ހިނގައިދިއައިރު އަދި އެކަން ކުރީ އެންމެ މީހެއް ކަމަށްވާއިރު އެތަން ފެނުނު އެތައް ސަތޭކަ މީހުންގެ ތެރެއިން ހަމައެކަކުވެސް އެކަމަށް އަޅައި ނުލުމުން އެކަން މިއަދު ވަނީ ބައިނަލްއަޤްވާމީ މީޑިއާތަކުގެ ފަލަސުރުޚީއަށް އަރުވައިފައެވެ.
މިއަދު އޮންލައިން