ޖައްމޫ ކަޝްމީރުގެ ޔޫރިގައި ހުރި ސިފައިންގެ ކޭމްޕަކަށް ދިން ޓެރެރިސްޓް ހަމަލާގައި ގެއްލިފައިވާ ކޮންމެ ދަތަކަށް ކޯކަށިގަނޑެއް ހޯދަންޖެހޭނެ ކަމަށް ބީޖޭޕީގެ ޖެނެރަލް ސެކެޓްރީ ރާމް މަދަވް ބުނެފިއެވެ.
ރާމް މިމޭރުމުން ބުނީ އެ މައްސަލައިގައި މަޝްވަރާކުރުމަށް ބީޖޭޕީން ބޭއްވި ޖަލްސާއެއްގައެވެ.
މިޖަލްސާގައި ބައެއް މިނިސްޓަރުން ވިދާޅުވެފައިވަނީ ރައްދުގައި ހަމަލާ ނުދިނުމަކީ "މާގޮތްކުޑަ" ގޮތެއް ކަމަށާއި ރައްދުދޭންޖެހޭނެ ކަމަށެވެ.
އިންޑިއާގެ ބައެއް ސްޓޭޓްތަކުން މިހާރު ވަނީ މަރުވި ސިފައިންގެ ޢާއިލާތަކަށް ފައިސާގެ ބޮޑެތި އަދަދުތަކެއް ދިނުމަށް ވެސް ނިންމައިފައެވެ.
ނަމަވެސް ގިނަ އާއިލާތަކުން ބުނަމުން ގެންދަނީ ފައިސާގެ އިނާމަކަށްވުރެ ބޮޑަށް ބޭނުންވަނީ ރަނގަޅު ބަދަލު ހިފުމެއް ކަމަށެވެ.
ކަންކަން މިހާރު ފެންނަގޮތުން އިންޑިއާ އިން ބަދަލުހިފުން ވަރަށް ކައިރިއެވެ. އިންޑިއާ އިން ބުނެފައިވަނީ ޓެރަރިސްޓުން ބޭނުންކުރި ބަރު ހަތިޔާރުތަކަކީ ޓެރަރިސްޓުންނަށް ޕާކިސްތާނު ސިފައިން ދިނުމުން ނޫނީ ލިބޭނެ ހަތިޔާރު ނޫން ކަމަށެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މިހަމަލާ ދިން މީހުންނާއި އެކަން ރޭވި މީހުންނަށް ފިލައި ނުތިބެވޭނެކަމަށް ވިދާޅުވެފައެވެ.
ޕާކިސްތާނުން ބުނަމުން ގެންދަނީ އެކަމުގައި ޕާކިސްތާނުގެ ބައިވެރިވުމެއް ނުވާނެ ކަމަށާއި އިންޑިއާއިން ޕާކިސްތާނަށް ތުހުމަތުކުރަނީ ކަންކަން ނުބަލައި ކަމަށެވެ.