ގައުމީ ރޯވިންޓީމް އޭޝިއަން ބީޗް ގޭމްސްއަށް ފުރައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ގައުމީ ރޯވިންޓީމް އޭޝިއަން ބީޗް ގޭމްސްއަށް ފުރައިފި
ވިއެޓްނާމުގެ ދަނާންގ ގައި މިމަހު ބާއްވާ ފަސްވަނަ އޭޝިއަން ބީޗްގޭމްސްގައި ރާއްޖެއިން ވާދަކުރާ ގައުމީ ރޯވިންޓީމް ވިއެޓްނާމަށް ރޭ ފުރައިފިއެވެ.

އެޓީމުގެ މިމުބާރާތުގައި ރާއްޖެއިން އެހެންކުޅިވަރުތަކުގައި ބައިވެރިވާ ޓީމްތައްވެސް ރޭވަނީ ފުރައިފައެވެ. މި ޓީމްތަކަށް އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓުން އަލްވަދާއު ދެންނެވީ ސްޕޯޓްސް މިނިސްޓަރ އިރުތިޝާމް އާދަމެވެ.

ރާއްޖޭގެ ރޯވިން ޓީމުގައި ހިމެނެނީ 8 އެތުލީޓުންނާއި ދެ އޮފިޝަލުންނެވެ. ރޯވިންޓީމް ވާދަކުރާ ހީޓްތައް ފަށާނީ މިމަހުގެ 27 ވަނަ ދުވަހު ކަމަށް ރޯވިން އެސޯސިއޭޝަނުން ބުންޏެވެ.
ރޯވިން އެސޯސިއޭޝަނުން ހާމަކުރެއްވި ގޮތުގައި މި ޓީމްގެ ފަރިތަކުންތަކަށް ބަލާއިރު އެހެން ޓީމްތަކާ ވާދަކޮށްލުމުގެ ފެންވަރު ހުންނާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ. ޓީމް ވިއެޓްނާމަށް ދިޔައީ 6 މަސްދުވަހުގެ ތަމްރީންތަކަށްފަހުގައެވެ. މި ޓީމް އެނބުރި ރާއްޖެ އަންނާނީ އޮކްޓޯބަރުމަހު 6 ވަނަ ދުވަހުއެވެ.

ރޯވިންއެސޯސިއޭޝަނުން މިހާރު ގެންދަނީ އަންނަ އޮކްޓޯބަރުމަހުގެ 13 އިން 28 އަށް ތައިލެންޑުގައި ބާއްވާ ޔޫތުއޮލިމްޕިކް ޓްރެއިނިން ޕްރޮގްރާމަށް ޝަރަފުއްދީންސްކޫލުގެ އަންހެން އެތުލީޓަކާއި ފިރިހެން އެތުލީޓެއް ފޮނުވުމަށް ތައްޔާރުވަމުން ކަމަށް އެ އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބު ވިދާޅުވިއެވެ.
މިއަދު އޮންލައިން