އެމްސީޔޫ ޓީޗާސް ފުޓުސަލް މުބާރާތް އަންނަ އަހަރު ފެބުރުއަރީގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
އެމްސީޔޫގެ ޔޫތުކޯޑިނޭޓަރ އިބްރާހީމް ޟިރާރު ބުނީ މުބާރާތް ފަށާނީ ފެބުރުއަރީމަހު 25 ވަނަ ދުވަހު ކަމަށެވެ. އައްޑޫ ހިތަދޫ ފުޓުސަލް ދަނޑުގައި ބާއްވާ މިމުބާރާތުގައި ޖުމްލަ 12 ޓީމް ވާދަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ކުރީ މުބާރާތުގައި ވާދަނުކުރާ ޓީމްތައްވެސް ހިމެނޭނެ ކަމަށް ޟިރާރު ވިދާޅުވިއެވެ.
މިމުބާރާތް މިހާކުރިން އިއުލާންކުރީ ތައްޔާރުވުމަށް ޓީމްތަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިމުބާރާތަކީ އައްޑޫ ސްކޫލްތަކުގައި މަސައްކަތްކުރާ އަންހެންޓީޗަރުންނަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ. އެމީހުންނަކީ ފުޓުބޯޅައާ ދުރުބައެއް ކަމުން ފަރިތަކުރުނުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިން މުބާރާތް އިއުލާންކުރީ ކަމަށް އޭނާ ބުންޏެވެ.
"ޓީޗަރުންނަކީ ފުޓުބޯޅައާ ދުރުބަޔަކަށް ވުމުން އެމީހުން ތައްޔާރުވާން ވަގުތުދޭންޖެހޭ. ކުރީފަހަރުވެސް އެމީހުންގެ ޝަކުވާއަކަށްވީ މުބާރާތް ފެށެން މަހަކާ ކައިރިވެފައިވަނިކޮށް މުބާރާތް އިއުލާންކުރުން. އެހެންވެ މިފަހަރު ކުރިން އިއިލާން މިކުރީ. އޭރުން އެމީހުންނަށް ފަރިތަކުރަންވެސް ވަގުތު ލިބޭނެ،" ޟިރާރު ބުންޏެވެ.
މިމުބާރާތުގައި ބައިވެރިވާ ޓީމްތައް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮކްޓޯބަރު 5 އިން ފެށިގެން ހުޅުވާލާނެ ކަމަށް ޟިރާރު ވިދާޅުވިއެވެ. މުބާރާތުގައި ބައިވެރިވުމުގެ ފޯމް ވިއްކާނީ ފެބުރުއަރީމަހު އެއްވަނަ ދުވަހުއެވެ. ފޯމެއްގެ އަގަކީ އެއްހާސް ރުފިޔާ ކަމަށް ޟިރާރު ވިދާޅުވިއެވެ.
މިފަހަރުގެ މުބާރާތުގައި ފައިސާގެ އިނާމް ދޭގޮތަށް ހަމަޖެހިފައިވިޔަސް އިނާމްތަކާ ބެހޭ ތަފްސީލެއް ޟިރާރު ނުދެއްވައެވެ.