ހިތަދޫ، މަރަދޫ، ފޭދޫސްކޫލްގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ސްވިމް އައްޑޫއިން ހިންގި ފަތަންދަސްކޮށްދޭ ކޯސްނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
މިކޯސް ފުރިހަމަކުރި 50 ބައިވެރިންނަށްވަނީ ސްޓްފިކެޓް ހަވާލުކޮށްފައެވެ. އޭގެތެރެއިން 13 ބައިވެރިއަކުވަނީ އިންޓަރނޭޝަނަލް ސެޓްފިކެޓް ހާސިލް ކޮށްފައެވެ. އެސެޓްފިކެޓަކީ ސްރީލަންކާ، މެލޭޝިޔާ، އޮސްޓްރޭލިއާއިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެއްޓެއް ކަމަށް ސްވިމް އައްޑޫ ހިންގާ ގެލެކްސީ އައްޑޫ އެޑިޔުކޭޝަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޚާލިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އައްޑޫގައި އެތަނުން ސްވިމިން ކޯސްތައް ހިންގަމުން ގެންދަނީ ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ލަންކާ ކޯޗާސް ސްވިމިން އެސޯސިއޭޝަނާ ގުޅިގެން ކަމަށެވެ.
އެއްމަހަށް ހިންގި ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މަރަދޫ ސްކޫލުގައެވެ. ރޭ 8.30 ގައި ބޭއްވި މިރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޝަރަފްވެރިމެހުމާން އައްޑޫސިޓީ ކޮމާންޑަރ ސަބްއިންސްޕެކްޓަރއޮފް ޕޮލިސް ޖަމްޝީދު އަލީ އާއި ޝަރަފުއްދީން ސްކޫލުގެ ޕްރިންސިޕަލް ޑޮކްޓާރ އަދީލް ނަސީރެވެ.