މަސްތުވާތަކެތި ހުއްޓުވަން މަރަންޖެހޭ އެންމެން މަރާނަން- ދުނިޔެއަކަށް ނުބެހެވޭނެ: ފިލިޕިންސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
މަސްތުވާތަކެތި ހުއްޓުވަން މަރަންޖެހޭ އެންމެން މަރާނަން- ދުނިޔެއަކަށް ނުބެހެވޭނެ: ފިލިޕިންސް

މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅިގެން މަރަންޖެހޭ އެންމެން މަރާނެ ކަމަށާއި އެއީ ދުނިޔެއާއި ބެހޭ ކަމެއް ނޫން ކަމަށް ފިލިޕިންސް އިން ބުނެފިއެވެ. 


ފިލިޕިންސްގެ ރައީސް ރޮޑްރިގޯ މިމޭރުމުން ވިދާޅުވީ ފިލިޕިންސަށް މަސްތުވާތަކެތި އެތެރެކުރަން ކުރާ މަސައްކަތްތައް ހުއްޓުވުމަށާއި މަސްތުވެގެން ތިބެ މަގުމަތީގައި އުޅޭމީހުން އަތުލައިގަތުމަށް ސަރުކާރުން މިހައިތަނަށް ހިންގި އޮޕަރޭޝަންތަކުގައި 2000 އަށްވުރެ ގިނަ މީހުން މަރުވުމާއި ގުޅިގެން އދ އާއި އީޔޫ ފަދަ ޖަމާއަތްތަކާއި އެމެރިކާއިން ކަންބޮޑުވުން ފައުޅުކުރުމުންނެވެ.


ރޮޑްރިގޯ ވިދާޅުވީ ފިލިޕިންސްގެ ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް ހިންގާތަން ބަލަން އައުމުގެ ފުރުޞަތު އދ އަށާއި އީޔޫއަށް ވެސް އެބައޮތް ކަމަށެވެ. އަދި އެކަމަށް ދައުވަތުވެސް ދެއްވާ ކަމަށެވެ. "އައިސް ލޮލުން ބެލީމަ އެނގޭނެ ބައަކު ހަމަ ތިއްބައި މަރަނީ ނޫންކަން. ފުލުހުން އެމީހުންގެ ޤާނޫނީ ވާޖިބު އަދާކުރަނިކޮށް މަރުވަނީކަން.."


ރޮޑްރިގޯ ވިދާޅުވީ ފިލިޕިންސްގެ ތަރައްޤީއަށް ކުރިމަތިވެފައިވާ އެއްންބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށެވެ. ދެން ކޮރަޕްޝަނުގެ މައްސަލަތައް ކަމަށެވެ. "މިމައްސަލަތައް މިހިސާބަށް އިތުރުވެ ޤައުމު އިނދަޖެހިގެން ދިއައިރު އެކަމާއިމެދު ކަންބޮޑުނުވެ ނިދާފައި ތިބި ބައަކު، އެކަންކަން ހުއްޓުވަން މިއަދު ފިލިޕިންސްގެ ފުލުހުން މަސައްކަތް ފެށުމުން ކަންބޮޑުވުމަކީ އަރަތެއް"ގެ ގޮތުގައި ރޮޑްރިގޯ ވަނީ ސިފަކުރައްވައިފައެވެ.   

މިއަދު އޮންލައިން