ފިރިހެނެއްގެ ގޮހޮރާއި އެތެރެހަށީގެ އެހެން ބައެއް ބައިތައް ސަލާމަތްކަމާއިއެކު ކޮތަޅެއްގައި ބަންދުކޮށް ދަބަހައް ލައިގެން ވިއެނާއަށް ދިއަ މޮރޮކޯގެ އަންހެނަކު، ވިއެނާގެ ކަސްޓަމުން ހުއްޓުވައިފިއެވެ.
އަންހެން މީހާ ބުނީ އޭނާ އެކަން ކުރީ އޭނާގެ ފިރިމީހާ މަރުވުމުން އޭނާ މަރުވީ ޒަހަރެއްގެ ސަބަބުން ކަމަށް ޤަބޫލުކުރެވިގެން އެކަން ޔަޤީންކުރުމަށްޓަކައި ޓެސްޓް ކުރުމަށްޓަކައި ކަމަށެވެ. އަދި އެކަން މޮރޮއްކޯއަށްވުރެ ފުރިހަމައަށް ވިއެނާއިން ކުރެވޭނެތީ ކަމަށެވެ.
އިތުރު ތަފްޞީލު ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ އެއީ އުމުރުން 40 އަހަރުގެ ފިރިހެނެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށެވެ.
މިފަދަ ކަމެއް ކުރުމަކީ ޢާންމު ކަމެއް ނޫން ކަމަށްވާތީ ފުލުހުން ބުނެފައިވަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ގެންދާ ކަމަށެވެ.