ޔޫއޭއީގައި ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފުވާ ޑޮކްޓަރުން 10 އަހަރަށް ޖަލަށް ލުމަށާއި ކުރި ކުށުގެ ނިޞްބަތަށް ބަލައި 10،000 ދިރުހަމާއި 100،000 ދިރުހަމާއި ދެމެދުގެ އަދަދުތަކުން ޖުރުމަނާ ކުރުމަށް ޤާނޫނު އިޞްލާޙްކޮށްފިއެވެ.
ޤަޞްދުގައި ފަރުވާކުޑަކުރުމުން ލިބޭ ގެއްލުމާއި ދަރި ވެށްޓުމާއި ޖިންސް ބަދަލުކުރުމުގެ އޮޕަރޭޝަން ކުރުން ފަދަ ކަންކަން ހިމަނާފައިވަނީ ކުށްވެރިވާނެ މައްސަލަތަކުގެތެރޭގައެވެ.
ޔޫއޭއީ އިން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ޑޮކްޓަރުން ކުރާތަކާއި ގުޅިގެން ޖުރުމަނާ ކުރަންޖެހޭ ހާލަތްތަކުގައި ކުރާ ޖުރުމަނާ އަދާކުރެވޭނެ ވަރުގެ އިންސުއަރަންސް ޕޮލިސީއެއް ތަޢާރަފްކޮށް އެފަދަ ސްކީމެއްގައި ޑޮކްޓަރުން ބައިވެރިކުރުވުމަށެވެ.
އެފަދަ އިންތިޒާމެއް ހަމަޖައްސަން މަސައްކަތްކުރަނީ ރައްޔިތުންނަށް ލިބެންޖެހޭ ބަދަލު ފަސޭހައިން ނަގައިދިނުމަށާއި ޑޮކްޓަރުން އިތުރަށް ޒިންމާދާރު ކުރުވުމަށެވެ. އަދި ކުރާ ކުށަކާއި ގުޅިގެން ޑޮކްޓަރުންނަށް ޖަލުގެ ޙުކުމް ތަންފީޒުކުރަން ޖެހުނު ނަމަވެސް ލިބެންޖެހޭ ފައިސާ ފަސޭހަކަމާއިއެކު ހޯދުމަށެވެ.
މިކަންކަން ހަމަޖެހުމުން ޔޫއޭއީގައި ޚިދުމަތްކުރާ ޑޮކްޓަރުން އިތުރަށް ޒިންމަދާރުކުރުވޭނެ ކަމަށް ބެލެވެއެވެ.