ދެމަފިރިންނަކީވެސް 30 އަހަރުން ދަށުގެ ދެ ޒުވާނުންނެވެ. ކައިވެންޏަށް ވަނީ ދަރިއަކުވެސް ލިބިފައެވެ. އެންމެ މަޖާ އުމުރެވެ. ،4 5 ވަރަކަށް އަހަރެވެ.
ފިރިމީހާ ގެއިން ބޭރަށް ދާން ބޭނުންވި ވަގުތު ދަރިފުޅު އިނީ ކާށެވެ. ކާން އިނދެ އެކުއްޖާ ގެންދިއައީ ބައްޕަގެ ފޯނުން ދީނީ ކާޓޫނެއް ބަލަމުންނެވެ. އެހެންކަމުން ފޯނު އަތުލަން ނުއުޅެ ބައްޕަ ނުކުމެގެންދިއައީއެވެ.
ދިއަ ފަހުން އެނގުނު ގޮތުގައި ފިރިމީހާ ނުކުމެގެންދިއައީ އަނބިމީހާގެ ފޯން ހިފައިގެންނެވެ. މިއީ ޢާންމު ކަމަކަށް ނުވާތީ ކުޑަކޮށް ހައިރާންވުމުން އަނބިމީހާ ބުނީ އެއީ އެދެމަފިރިންގެ މެދުގައި ވަރަށް ޢާންމު ކަމެއް ކަމަށެވެ. ވަކި މީހެއްގެ ފޯނުކަމަށް ބަލައި ދުވަހަކުވެސް ބަގުޑި ނުބައްދާ ކަމަށެވެ. ދެމީހުންގެ ފޯނަކީވެސް ބޭނުންވެއްޖެނަމަ ކޮންމެ މީހަކަށްވެސް ބޭނުންކުރެވިދާނެ ފޯނެއް ކަމަށެވެ.
އެދެމަފިރިންނަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވަރަށް ލޯބިން އެކުވެރިކަމާއިއެކު ދިރިއުޅެމުންދާ ދެމަފިރިންނެވެ. އެކަކު އަނެކަކަށްޓަކައި ޤްރްބާންވަމުންދާ ދެމަފިރިންނެވެ. އެހެންކަމުން ދެ މީހުންގެ މެދުގައި އެއްވެސް ކަމެއް ސިއްރެއް ނުކުރެއެވެ. ހުރިހައި ކަންކަން ވެސް އޮންނަނީ ހުޅުވައިލެވިފައެވެ.
އެދެމަފިރިންނަށް އެކުގައި އެހައި ލޯބިން ދިރިއުޅެވެނީ އެކަކު އަނަކަކަށް ސިއްރުކުރާނެ ކަމެއް ނުބާއްވާތީ ކަމަށްވުމަކީ ވަރަށް ގާތް ކަމެކެވެ. އަޅުގަނޑުމެންގެ މުޖުތަމައުއަށް ބެލި ނަމަވެސް ދެމަފިރިންގެ މެދުގައި މައްސަލަތައް އެންމެ ބޮޑަށް ކުރިމަތިވާ އެއް ސަބަބަކީ ޝައްކުކުރުންކަން ފާހަގަކުރެވޭއިރު ހުރިހައި ކަމެއް ހުޅުވާލާފައި އޮތުމުން އެފަދަ ޝައްކުތަކުން ސަލާމަތްވެ ތިބެ ދިރިއުޅެވޭނެ އެވެ.
ދެމަފިރިންގެ މެދުގައި އެކަކު އަނެކަކަށް ސިއްރުކުރަންޖެހޭނެ ކަމެއް ނެތުމުން އަންގައިދެނީ ދެމީހުންގެ ތެދުވެރިކަމެވެ.
މައުލޫމާތު ޙިއްޞާކުރި ދެމަފިރިއަކު ބުނީ ޢާއިލާގެ މީހަކު ނޫން އެއްވެސް މީހަކު ފޯނެއް ކޮށްފިނަމަ ދެމަފިރިންވެސް ވާހަކަ ދައްކަނީ ސްޕީކަރަށް ލައިގެން ކަމަށެވެ. އަދި ދެމީހުންގެ ފޯނުގެ ޕާސްވޯޑް ދެމީހުންނަށްވެސް އެނގޭ ކަމަށެވެ. އެކަމުގެ ސަބަބުން ދެމީހުންގެ މެދުގައި އިތުބާރު އިތުރުވެ އެކަކު އަނެކަކަށް ޝައްކުކުރަން ނުޖެހޭ ކަމަށެވެ.
ތެދުވެރިކަމާއިއެކު ލޯބިން އުޅޭ ކޮންމެ ދެމަފިރިއަކަށް މާތްﷲގެ ރަހްމަތްފުޅު އޮހެމުންދާނެކަން ކައުއިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޘްފުޅުތަކުން ސާބިތުވެއެވެ. އަދި އެކަމުގެ ހެކިތައްވެސް ދަނީ ފެންނަމުންނެވެ.
"ވަކި މީހެއްގެ ފޯނު ނުއޮންނަ ދެމަފިރިން"ގެ ހަޔާތުން މިދެންނެވި ފަދަ ރަޙްމަތްފުޅު މިހާރުވެސް ވަނީ ފެނިފައެވެ. ދެމަފިރިން ރާއްޖެއިން ބޭރަށް ކިޔަވަންދިއައީ ފިރިމީހާއަށް ލިބުނު މާސްޓަރސް ކޯހެއްގައެވެ. އެ ކޯހުގައި މުޅި ކޮލެޖުން ފިރިމީހާ އެއް ވަނަ ހޯދުމުން އަދި ހޯދި ދަރަޖަ މަތިކަމުން ކޮލެޖުން ވަނީ ކޮލެޖުގެ ޚަރަދުގައި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުޞަތު ދީފައެވެ. މިއީ ފަހު އަހަރެވެ.
މާތްﷲ ގެންދަވަނީ މިފަދަ ކަންކަން ދައްކަވަމުންނެވެ. މިފަދަ ނިއުމަތްތައް މިންވަރު ކުރައްވަވަމުންނެވެ. އިބްރަތް ހާޞިލުކުރެވޭނީ މާތްﷲ މިންވަރުކުރައްވަވާ ނިއުމަތްތަކަށް ވިސްނައި ފިކުރުކުރާ ބައަކަށެވެ.