ޒައިތޫނި ފަތްކޯޅި ދިއްކޮށްލީމާ ބޯޑަރު ހުރަސްކޮށް ޕާކިސްތާނުން ދެނީ ޓެރަރިސްޓް ހަމަލާ: އިންޑިއާ 

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޒައިތޫނި ފަތްކޯޅި ދިއްކޮށްލީމާ ބޯޑަރު ހުރަސްކޮށް ޕާކިސްތާނުން ދެނީ ޓެރަރިސްޓް ހަމަލާ: އިންޑިއާ 

އިންޑިއާ އިން ޕާކިސްތާނަށް ހެޔޮ އެދޭތީ ރަހްމަތްތެރިކަމުގެ ގޮތުން ހުރިހައި އެހީތެރިކަމެއްވެސް ގެންދަނީ ފޯރުކޮށްދެމުން ކަމަށާއި ނަމަވެސް "ޒައިތޫނި ފަތްކޯޅީ" ދިއްކޮށްލީމާ ބަދަލުގައި ޕާކިސްތާނުން ދެމުން ގެންދަނީ ޓެރަރިސްޓް ހަމަލާތައް ކަމަށް އިންޑިއާ އިން ބުނެފިއެވެ. 


އދ ގެ މައި މަޖިލީހުގައި އިންޑިއާގެ ފަރާތުން ތަޤްރީރުކުރައްވަމުން އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސިވަރާޖް ވިދާޅުވީ ކަޝްމީރުގެ ސަރަހައްދުގެ ތެރެއިން އިންޑިއާގެ ސަރަހައްދެއްގެ ގޮތުގައި އޮތް ކަޝްމީރުގެ ސަރަހައްދު ހޯދަން ޕާކިސްތާނުން ދެކެމުންދާ ހުވަފެންތައް ދުށުން ހުއްޓައިލަން ވެއްޖެ ކަމަށެވެ.


ސުޝްމާ ވިދާޅުވީ ކަޝްމީރުގެ އިންޑިއާ ފަޅި އަަބަދުވެސް ދެމި އޮންނާނީ އިންޑިއާގެ ބައެއް ގެ ގޮތުގައި ކަމަށާއި އެބައި ހޯދަން ޕާކިސްތާނުން ދެކޭ ހުވަފެންތައް ދުވަހަކުވެސް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. 


 "ރަހްމަތްތެރިކަމުގެ އަގު ޕާކިސްތާނުން އަދާކުރަނީ ބޯޑަރ ހުރަސްކޮށް ދޭ ޓެރަރިސްޓް ހަމަލާތަކުން. ބަލަޗިސްތާނުގައި ހިންގަމުން ގެންދަނީ އިންސާނީ ހައްޤުތަކާ ޚިލާފު ޖަރީމާތައް. ރަޣްމަތްތެރިކަމުގެ އަގަށް އިންޑިއާއަށް ލިބެނީ ކޮންއެއްޗެއް. ޕަތަންކޮޓް. ބަހާދުރު، ޢަލީ، ޔޫރީ." 


ޕާކިސްތާނުން ބޭނުންވަނީ އެއްވެސް ޝަރުތެއް ނެތި ދެ ޤައުމުގެ މެދުގައި މަޝްވަރާތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވައި ސުޝްމާ ވިދާޅުވީ މަޝްވަރާތައް ފެށުމަށް އެއްވެސް ޝަރުތެއް އިންޑިއާ އިން ހުށަހަލާފައި ނުވާނެ ކަމަށެވެ. 


 

މިއަދު އޮންލައިން