އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ބަށި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އޮކްޓޯބަރު މަހުގެ 1 ދުވަހު ހުޅުވައިލާނެ ކަމަށާއި 31 އޮކްޓޯބަރުގެ ނިޔަލަށް ފޯމު ހުށަހެޅޭނެ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
1 ވަނަ ޓީމަކަށް 100،000 ރުފިޔާ ލިބޭ އަދި އިނާމުގެ ގޮތުގައި 200،000 ރުފިޔާ ހުށަހެޅިފައިވާ މުބަރާތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެސްޓީއޯގެ ބްރޭންޑް މެނޭޖަރ ޝުރުފާ މިއަދު ވިދާޅުވީ މުބާރާތް ކުރިއަށް ގެންދާނީ ހަމަ މިދިއަ އަހަރުވެސް މުބާރާތް ކުރިއަށް ގެންދިއަ ވޮލީ ކޯޓުގައި ކަމަށެވެ.
ޝުރުފާ ވިދާޅުވީ މިދިއަ އަހަރުގެ މުބާރާތުގައިވެސް 21 ޓީމުން ވާދަކުރި ކަމަށާއި އުންމީދުކުރައްވަނީ މިފަހަރުވެސް ވީހައި ގިނަ ޓީމުތަކުން ވާދަކުރާނެ ކަމަށް ކަމަށެވެ.
ބަށި ކުޅުމަކީ ރާއްޖޭގެ އަމިއްލަ ޘަޤާފީ ކުޅިވަރެއް ނަމަވެސް ބަށިކުޅުން ނެތެމުން ދަނިކޮށް އަލުން ދިރިގެން އައުމަށް މެދުވެރިވީ އެސްޓީއޯ އިން ބޮޑެތި އިނާމުތަކާއިއެކު ބަށި މުބާރާތް ބާއްވަން ފެށުމުންކަން ފާހަގަކުރެވެއެވެ.