ސެންޓްރަލް ޕޮލިސް ޑިވިޜަން (ސީ.ޕީ.ޑީ) ކަޕް 2016 ގެ ޗެމްޕިއަންކަން މ.އަތޮޅު ޕޮލިސް ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން މ.އަތޮޅު ޕޮލިސް ހޯދާފައިވަނީ ކުޑަހުވަދޫ ޕޮލިސްގެ އޭ ޓީމާ ވާދަކޮށް 4-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
ފައިނަލް މެޗަށް ފަހު މުބާރާތުގެ ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށާއި ޓީމުތަކަށް އިނާމު ހަވާލުކޮށްދެއްވީ ދ.އަތޮޅު ކައުންސިލްގެ ރަައީސް ހަމްދީ އަބްދުﷲ އެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް މ.އަތޮޅު ޕޮލިސްގެ ޕޮލިސް ކޯޕްރަލް އަލީ މުހައްމަދު ހޮވުނުއިރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޕޮލިސް ކޯޕްރަލް އަބްދުލް ހާލިގް އަހުމަދުއެވެ. މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް މ.އަތޮޅު ޕޮލިސްގެ ކޯޗް ޕޮލިސް ސާޖަންޓް މުހައްމަދު ސާމިރު ހޮވިފައިވާއިރު މި މުބާރުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ފ.އަތޮޅު ޕޮލިސްއެވެ.
މި މުބާރާތަކީ ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ އަތޮޅުތަކަށް އަމާޒުކޮށްގެން އެއަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުންގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އަށަގެންނެވުމުގެ ގޮތުންނާއި ފުލުހުންނަކީ ހަށިހެޔޮ ބަޔަކަށް ހަދައި އެކަމަށް ބާރުއެޅުމުގެ ގޮތުން ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރް އޮފް ޕޮލިސް ހަސަން ޝިފާއުގެ އިސްނެންގެވުމުގެމަތިން ކުރިއަށް ގެންދިޔަ މުބާރާތެކެވެ.
މި މުބާރާތުގައި ސެންޓްރަލް ޕޮލިސް ޑިވިޝަންގެ 05 ޓީމް ބައިވެރިވެފައިވާއިރު މި މުބާރާތުގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ދާގޮތަށް ކުޅުނު މުބާރާތެކެވެ.
މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރް އޮފް ޕޮލިސް ހަސަން ޝިފާއުގެ އިތުރުން ކުޑަހުވަދޫ ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ފުލުހުންގެ ބައިވެރިވެފައިވެއެވެ.