އަނީސާ: ފިރިމީހާ އިޞްލާޙްކުރަން ކުރި މަސައްކަތުގެ އިނާމަކަށް ފިތިބާރުވެ ދެދަރިންނާއެކު ހައިހޫނުކަމުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
އަނީސާ: ފިރިމީހާ އިޞްލާޙްކުރަން ކުރި މަސައްކަތުގެ އިނާމަކަށް ފިތިބާރުވެ ދެދަރިންނާއެކު ހައިހޫނުކަމުގަ!

އަނބިމީހާއަށް ތަކުރާރުކޮށް އަނިޔާކުރަމުން ދިއަމީހަކަށް އަނިޔާވެރި ނުވުމަށް ކޯޓުން އަމުރުކުރުމުން އަނބިމީހާ ވަރިކުރުމަށްފަހު ދެ ދަރިންގެ ޕާސްޕޯޓް ހިފައިގެން ފިލުމުން ދެ ދަރިންނާއި މައިމީހާ މަގުމަތިވެއްޖެއެވެ.


އަނީސާ އަކީީ ޖިނާއީކުށުން މީހުން ސަލާމަތްކުރުމުގެ ދާއިރާއިން މަތީ ތައުލީމު ހާޞިލުކޮށްގެން ހުރި އަންހެނެކެވެ. އާމްދަނީ ހޯދަން ކުރަމުން ގެންދިއަ މަސައްކަތަކީ ޖިނާޢީ ކުށްކުރަން އާދަވެފައި ތިބި މީހުން އަނބުރައި މުޖުތަމައުއަށް ގެނައުމަށް ބޭނުންވާ ކޮންސަލްޓެންސީ ފޯރުކޮށްދިނުމެވެ. 


ނަމަވެސް ލޯބީގެ އަވާގައި ކައިވެނި ކުރެވުނު މީހާވީ ޖިނާޢީ ހުރިހައި ކުށްތައް ކުރުމަށް ދެވި ހިފާފައި ހުރި މީހަކަށެވެ. ކައިވެނި ކުރެވުމުން އޭނާ މަސައްކަތްކުރީ ފިރިމީހާގެ އަމަލުތައް އިސްލާޙްކުރެވޭތޯއެވެ. އެމަސައްކަތުގައި އުޅެނިކޮށް ކައިވެނީގެ ވަރަށް ކުރީކޮޅު ދެ ދަރިން ލިބުނެވެ. 


ދެ ދަރިން ލިބުމުން ފިރިމީހާއަށް ލިބުނީ އިތުރު ހިތްވަރެކެވެ. އަނބިމީހާގެ އެއްވެސް ނަސޭޙަތެއް ޤަބޫލުނުކުރުމަށެވެ. ދެ ދަރިންނަކީ އަނބީހާ ހައްޔަރުކޮށްފައި ލިބުނު ތަޅެއް ކަމަށް ބަލައި އަނބިމީހާއަށް އަނިޔާވެރިވުންވެސް ކުރީ އިތުރެވެ. 


އެކަންކަމަށް ކެތް ނުކުރެވިގެން އަނބިމީހާއަށް މަޖުބޫރުވީ ކޯޓަށް ގޮސް ކައިވެނި ރޫޅާލަން މަސައްކަތްކުރުމަށެވެ. ދެފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަހު ފުރަތަމަ ފުރުޞަތެއް ދިނުމުގެ ގޮތުން ފަނޑިޔާރު އެންގީ އަނބިމީހާއަށް އަނިޔާވެރި ނުވުމަށެވެ. ނޫންނަމަ ވަރިިކުރުމަށެވެ. 


ފިރިމީހާ އިޚްތިޔާރުކުރީ ވަރިކުރުމެވެ. ވަރިކުރުމަށްފަހު ދުބާއީ ދޫކޮށް އޭނާގެ ޤައުމު، ފަރަންސޭސި ވިލާތަށް ފުރައިގެން ދިއައީވެސް ފިލައިގެންނެވެ. ދަމުން ދިއައީ ދެދަރިންގެ ޕާސްޕޯޓްވެސް އަނބިމީހާގެ ދަބަހުން ވަގަށްނަގައިގެންނެވެ. 


ނަތީޖާއަކަށްވީ އެއްވެސް ލިޔެކިޔުމެއް ނެތުމުން ކުދިން ބަލަހައްޓައިދޭ ޑޭކެޔަރ ސެންޓަރަށް ކުދިން ގެންދެވެން ނެތުމެވެ. އެކަމުގެ ނަތީޖާއަކަށްވީ ދިރިއުޅުމަށް ކުރަމުން އައި މަސައްކަތް ހުއްޓައި ދަރިން ބަލަން ގޭގައި ހުންނަން ޖެހުމެވެ. 


އިތުރު އާމްދަނީ ނުލިބުމުން އަތުގައި ހުރި ފައިސާކޮޅު ދާދިކުރު މުއްދަތެއްގައި ވަނީ ހުސްވެފައެވެ. ކްރެޑިޓް ކާޑަށް ފައިސާ ނުދެއްކޭތީ ބޭންކުން ފަހަނީއެވެ. ދިރިއުޅޭ ފްލެޓަށް ކުލި ނުދެއްކޭތީ ގެއިން ނެރެލާނީ ކޮން ވަގުތަކުކަމެއް ނުއެނގެއެވެ. 


އަންހެން މީހާއަކީ މޮރޮއްކޯގެ އަންހެނެކެވެ. ޢާއިލާގެ އެއްވެސް މީހަކު ދުބާއީއަކު ނެތެވެ. އެނބުރި ޤައުމަށްދާން ބަލާއިރު ދަރިންގެ ޕާސްޕޯޓެއް ނެތެވެ. ދުބާއީން ޓްވަލް ޑޮކިޔުމަންޓެއް ހަދައިދިން ނަމަވެސް ދަރަނިތަކާއިހުރެ ފުރޭނެ އެއްވެސް މަގެއް ފެންނާކަށް ނެތެވެ. 


އަނިސާއަށް މިއަދު މަޖުބޫރުވެފައިވަނީ ސަލާންޖެހުމެވެ. ކާއެތިކޮޅަކަށެވެ. ދެދަރިންގެ ހައިހޫނުކަން ފިލުވޭތޯއެވެ. މޮޅަށް ކިޔަވައި ހޯދި މޮޅު ތަޖުރިބާއިން ކުރާ އެއްވެސް ފައިދާއެއް ނެތެވެ. މިހުރިހައި ކަންކަމެއް މެދުވެރިވެގެން މިދިއައީ ވެވުނު ލޯތްބެއްގެ ސަބަބުންނެވެ. މިއީ އެލޯބީގެ އަގުކަމަށް ޤަބޫލުކުރަން ނޫން އެއްވެސް ގޮތެއް މިއަދަކު އަނީސާއަކަށް ނެތެވެ. 


(މިއީ އަނީސާ އަރަބި ނޫހަކަށް ކިޔައިދީފައިވާ އޭނާގެ ހަޤީޤީ ހާލަތެވެ.)

މިއަދު އޮންލައިން