އެމެރިކާ އިން ސީރިޔާގެ ރައީސް ބަޝާރުލް އަސަދުގެ ސިފައިންނަށް ހަމަލާއެއް ދީފިނަމަ މުޅި މެދުއިރުމަތި ގުޑުވާލާނެކަމުގެ އިންޒާރު ރަސިއާއިން ދީފިއެވެ.
ރަސިއާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ ސީރިޔާގެ ވެރިކަމަށް އެއްވެސް ބަދަލެއް ގެނެސްފިނަމަ އަވަސް އަވަހަށް ސީރިޔާއަށް ވެރިވެގަންނާނީ ހުސް ޓެރަރިސްޓުން ކަމަށާއި އެކަމަށް ފުރުޞަތުނުދޭނެ ކަމަށެވެ. އަދި ސީރިޔާގެ ސިފައިން ހަލަބުގައި ކުރިއެރުން ހޯދަނީ ޓެރަރިސްޓުންނަށް ދެމުން ގެންދާ ވައިގެ ހަމަލާތަކުންކަން އެމެރިކާއިން ޤަބޫލުކުރަންޖެހޭނެ ކަމަށެވެ.
ހަލަބުގެ މުހިންމު ފަރުބަދަ މަތީ ސަރަހައްދެއް ހިފުމަށް ހޮނިހިރު ދުވަހު ސީރިޔާ ސިފައިން ދިން ހަމަލާތަކުގަ އާއި ރަސިއާގެ ބޯޓުތަކުން ބޮން އެޅުމުން ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ކުޑަކުދިން ވަނީ މަރުވެފައެވެ.
ހަނގުރާމަވެރި ޖަމާއަތްތަކުން ބުނެފައިވަނީ ހޮނިހިރު ދުވަހު އެމީހުން ވަނީ ބާޝާގެ ގިނަ ސަރަހައްދުތަކެއް ހިފާފައި ކަމަށެވެ.
ސީރިޔާގައި ކުރިއަށް ގެންދާ ހަނގުރާމައިގައި މުސްލިމުންގެ ބާރު މިހާރު ވަނީ ކެނޑިފައެވެ. ސީރިޔާގެ ހަނގުރާމަ މިހާރުވެފައިވަނީ ރަސިއާ އާއި އެމެރިކާ އިން ދެ ބައިމިޙުންގެ ހަތިޔާރު ވިއްކަން ކުރަމުންގެންދާ ވާދައަކަށެވެ.