ޖަޕާނު ފިރިހެނުންނަކީ ކިތަންމެ މަސައްކަތްތެރި ބައެއް ނަމަވެސް ބަދިގޭގެ މަސައްކަތާއި ވަރަށް ދުރުހެލި ބައެކެވެ. ދިރާސާތަކުން ދައްކާ ގޮތުން ޖަޕާނުގެ އަންހެނުން ބަދިގޭގައި ދުވާލަކު 5 ގަޑިއިރު މަސައްކަތް ކުރެއެވެ. ނަމަވެސް ފިރިހެނުން މަސައްކަތްކުރަނީ 1 ގަޑިއިރުއެވެ.
އެހެންކަމުން ބަދިގޭގެ މަސައްކަތްތަކަށް ފިރިހެނުން ޝައުޤުވެރިކުރުވުމުގެ ގޮތުން ޖަޕާނުގައި ވަނީ ޚާއްޞަ ކެންޕޭނެއް ފަށައިފައެވެ. އެގޮތުން 4 ބޭފުޅަކު ގެންދަވަނީ މާބަނޑު އަންހެނަކު އުފުލަންޖެހޭނެ ބަރަށް އުފައްދާފައިވާ ބެލްޓެއް އުނަގނޑުގައި އަޅުއްވައިގެން ދިރިއުޅުއްވަމުންނެވެ. އެއިގެ ތެރޭގައި ދެކުނުގެ 3 ޕްރޮވިންސެއްގެ ގަވަރުނަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.
މިކަމުގެ ބޭނުމަކީ ބަލިވެ އިނދެގެން ތިބޭ އަންހެނުން އެމީހުންގެ ބަނޑުގެ ބުރަޢާއިއެކު ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް އަންހެނުންނަށް އެހީތެރިވެދިނުމަށް ބާރުއެޅުމެވެ.
ބަނޑަށް ހަތް މަހުގެ އަންހެނަކަށް އެކަމުގެ ސަބަބުން އުފުލަންޖެހޭ ބަރުދަނަކީ 7 ކިލޯގެ ބަރުދަނެވެ.
3 ގަވަރުނަރުންގެ ވީޑިއޯ ކްލިޕެއް ވަނީ ދައްކާލައިފައެވެ. އެއް ގަވަރުނަރު "ބަނޑާހުރެ" އިސްތާކީނެއް ނުލެއްވިގެން އުޅޭއިރު އަނެއް ގަވަރު އެންމެ މެޝިން ލޯޑެއްގެ ތަކެތި ހިއްކަން އަޅައި ނިމުނު ހުރީ "ހަފުސް" ވެފައެވެ.