އެމެރިކާއިން ސައުދީގެ ފައިސާ އާއި އިންވެސްޓްމަންޓްތައް ފޭރެން ރާވާ ރޭވުން އަނބުރާ ގެންދިއުމަށް ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ގޮވާލައްވައިފިއެވެ.
އިއްޔެ ބޭއްވި ސައުދީ ވަޒީރުންގެ ރިޔާސަތު ބަލަހައްޓަވަމުން ސަލްމާން ރަސްގެފާނު ވިދާޅުވީ 11/9 ގެ ހާދިސާގައި މަރުވިމީހުންގެ އާއިލާތަކަށް، ސައުދިއަރަބިޔާއިން ބަދަލު ހޯދަން ކޯޓަށް ދިއުމުގެ ފުރުސަތު ދިނުމަކީ ބައިނަލްއަޤްވާމީ ގުޅުންތަކަށް އޮތް ނުރައްކަލެއް ކަމަށާއި އެހާލަތުން ކަންކަން ސަލާމަތް ކުރުމަށް ގޮވާލައްވާ ކަމަށެވެ.
ވެރިރަށް ރިޔާޛްގައި އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގައި އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ މި މައްސަލައަށެވެ. އަދި މިކަމަކީ ވީހައި އަވަހަކަށް ހައްލުކުރަންޖެހޭނެ މައްސަލައެއް ކަމަށް ވަޒީރުން ވަނީ ފާހަގަކުރައްވައިފައެވެ.
ވަޒީރުންގެ ބައްދަލުވުމަށްފަހު ކަލްޗަރ އެންޑް އިންފޮމޭޝަން މިނިސްޓަރ ޢާދިލް ޠޮރައިފީ ވިދާޅުވީ ސައުދިއަރަބިޔާއަކީ އެއްވެސް އިރަކު ޓެރަރިޒަމަށް ވާގިވެރިވެ ހިތްވަރުދޭ ޤައުމެއް ނޫން ކަމަށާއި އަދި 11/9 ގެ ހާދިސާ އާއި ސައުދިއަރަބިޔާ އާއި ގުޅުވޭނެ އެއްވެސް ހެއްކެއް އެމެރިކާއަށް ނެތްއިރު އެފަދަ ބިލެއް ފާސްކޮށް ސައުދިއަރަބިޔާއަށް މައްސަލަތައް ކުރިމަތިކުރުވުމުގެ އެއްވެސް ޙައްޤެއް އެމެރިކާއަށް ނެތް ކަމަށެވެ.
އެމެރިކާގެ މަޖިލީހުން ފާސްކުރި މިބިލަކީ ހުރިހައި ޤައުމުތަކަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށްވެސް ޠޮރައިފީ ވިދާޅުވިއެވެ.
އެމެރިކާގައި ހުރި ސައުދީ އިންވެސްޓްމަންޓްތައް ފޭރިގަތުމަށާއި ބޭންކުތަކުގައި ހުރި ސައުދީ ފައިސާ ފޭރިގަތުމަށް މަގުފަހިކުރަން އެމެރިކާއިން ފާސްކުރި ބިލާ ދެކޮޅަށް ގިނަ ޤައުމުތަކުން ގެންދަނީ ފާޑުކިޔަމުންނެވެ. ނަމަވެސް މާޒީއަށް ބަލާއިރު އެމެރިކާ އިން ވަނީ ތަފާތު ބަހަނާތައް ދައްކައި މުސްލިމް ޤައުމުތަކުގެ ފައިސާ އާއި މިލްކިއްޔާތުތަކަށް އެތައް ފަހަރަކު އަރައިގެންފައެވެ. އެހެންކަމުން މިފަހަރުވެސް އެނޫން ގޮތެއް ވެދާނެ ކަމާއިމެދު ވަނީ ސުވާލު އުފެދިފައެވެ.