ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީގެ ތަކެތި ހިފައިގެންނާއި ހޮސްޕިޓަލުތަކުގައި ތިބި ހާލު ބޮޑު ބަލި މީހުންނަށް ފަރުވާދިނުމަށް ޔޫއޭއީއަށް ގެނައުމަށް ޔަމަނަށް ދަތުރުކުރި ބޯޓަކަށް ހޫތީ ހަނގުރާމަވެރިން ހަމަލާދީފިއެވެ.
މިބޯޓަކީ މިސައްކަތުގައި އަބަދުވެސް ޔަމަނާއި ޔޫއޭއީ އާއި ދެމެދު ދަތުރުކުރާ ބޯޓަކަށްވާތީ ހޫތީ ހަނގުރާމަވެރިން ބޯޓަށް ހަމަލާދީފައިވަނީ އެކަން އެނގިތިބެގެންނެވެ.
ސައުދިއަރަބިޔާ އާއި ޔޫއޭއީ އިންވަނީ މިއަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.
ސައުދިއަރަބިޔާއިން ބުނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއަޅައި ހަމަލާ ދިނުމަކީ އެންމެ ނުބައި އަމަލުތަކުގެތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި ޔަމަނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ނުދެވެނީ ވެސް ހޫތީ ހަނގުރާމަވެރިންގެ ސަބަބުން ކަމަށާއި އެކަމުގެ ސަބަބުން ނިކަމެތިކަން ލިބެމުން އަންނަނީވެސް ޔަމަނުގައި ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް ކަމަށެވެ.