ތާރާ އަކީ ނިޔުދިއްލީގެ ފަޤީރު އަވަށެއްގެ ޢާއިލާގައި ހުރި ހަމައެކަނި އަންހެންދަރިފުޅެވެ. އަވަށްޓެރި ގެއެއްގެ ބަދިގޭގައި ކައްކައިދޭން ތާރާ އެގެއަށް ދާންފެށީ އުމުރުން އެންމެ 15 އަހަރު ފުރުނުތަނާ މިއަހަރުގެ ކުރީކޮޅުއެވެ. މައިންބަފައިންނަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ މަތިިވެރި ނިޔަތުގައެވެ.
މިއަހަރުގެ އެޕްރިލްމަހު އެގޭގެ ވެރި މީހާ ތާރާ ޝިކާރަކުރަން ފެށިއެވެ. ގަދަކަމުން ޖިންސީ ގޯނާ ގުޅުން ހިންގަން ފެށިއެވެ. މަޖުބޫރުވެ ގޮތް ހުސްވުމުން އެކަމުގެ ވާހަކަތައް މައިންބަފައިންނަށް ކިޔައިދިނުމުން މައްސަލަ ފުލުހުންނަށް ހުށަހެޅިއެވެ. ކޯޓުގެ އަމުރަށް ބެލިބެލުމުން އެނގުނީ އެއިރު ވެސް ބަނޑަށް ދެމަސްފުރިގައިވާ ކަމެވެ.
މީގެ ދެ ރޭ ކުރިން އަންހެން ކުއްޖާގެ ބަނޑުގައި ރިއްސަން ފެށުމުން ވިހެއުމަށް ގެންދިއައީ އިޖުތިމާޢީ ސެންޓަރަކަށެވެ. އެއިރު އެތަނުގެ ޑިޔުޓީގައި ހުރި ނަރުސް ކުއްޖާއަށް ތާރާގެ ހަޤީޤަޔް ރަނގަޅަށް އެނގެއެވެ. ތާރާ ވިހަން އެއުޅެނީ ކިހިނެއް ލިބުނު ދަރިއެއްކަން އެނގޭތީއެވެ.
ނަރުސް ކުއްޖާ ބުނީ އެތަނުގައި އެޑްމިޓް ކުރެވެންވެސް އަދި ފަރުވާ ދެވެންވެސް ނެތް ކަމަށާއި ބޮޑު ހޮސްޕިޓަލަކަށް ދިއުމަށެވެ. އެފަދަ ނިކަމެތި ތާރާގެ ހަޤީޤަތް އެނގޭއިރުވެސް އެހީތެރިވެދޭން ބޭނުން ނުވީއެވެ.
އެއިރު ތާރާ ބަނޑުގައި ރިއްސާތީ ތެޅިފޮޅެނީއެވެ. އެތަނުން އެހީތެރިކަން ނުލިބޭނެކަން ޔަޤީންވުމުން އެހެން ހޮސްޕިޓަލަކަށް ދާނެ އެމްބިޔުލާންސެއް ހަމަޖައްސައިދިނުމަށް އެދުމުން އެކަންވެސް ކޮށްނުދީ ބުނީ ކުރޮޅިއެއްގައި ދިއުމަށެވެ.
އެމްބިޔުލާންސް ދުއްވާ ޑްރައިވަރަށް މިމަންޒަރުފެނިގެން ތަރާ އާއި މައިންބަފައިން ގޮވައިގެން އެމްބިޔުލާންސުގައި ދަތުރުފެށިއެވެ. އެއިރުވެސް ކެތް ނުކުރެވޭވަރަށް ރިހުން ނަގަމުންދިއަ ތާރާއަށް ލޯބިލޯބި ފިރިހެން ކުއްޖަކު ލިބުނީ ދަތުރުކުރަމުން ދަނިކޮށް އެމްބިޔުލާންސްގަ އެވެ.
ތާރާގެ ކުރިމަތީގައި މިހާރު ހުރި ސުވާލުތައް މާގިނައެވެ. މަންމަ އާއި ބައްޕައާއި އޭނާއަށް ކާނެ އެތިކޮޅެއް ނުލިބިގެންއުޅޭއިރު ދަރިއަކު ބެލިދާނެ ކަމުގެ ސުވާލެވެ. އޭނާއަށް އެދެރަ ދިން މީހާގެ ޢާއިލާ އާއި ދަރިފުޅު ހަވާލުކޮށްފިނަމަ މަރައިނުލާނެ ކަމުގެ ބިރެވެ. ކޮންމެއަކަސް މާތްﷲއަށް ވަކީލުކޮށް ތާރާ މާދަން ގެއަށް ދާނީ ދަރިފުޅު ގޮވައިގެންނެވެ.
މިފަދަ ނިކަމެތި މަޢްޞޫމް ކުދިންނަށް މިފަދަ ހާލު ޖައްސަނީ ހަމަ އިންސާނިއްޔަތު ކަމުގެ ޒައްރެއްގެ މިންވަރުވެސް ހިތުގައި ނުވާ މީހުންނެވެ.