ރިޔާސީ އިންތިޚާބުގެ ފުރަތަމަ ހަދިޔާއަކަށް މިސްކިތެއް ގޮއްވާލައި ގިނަ އަދަދެއްގެ މުސްލިމުން މަރަން ރޭވި 3 މީހަކު އެމެރިކާގެ ފުލުހުން ހައްޔަރުކޮށްފި އެވެ.
އެމީހުން ރާވާފައިވަނީ އެމެރިކާފގެ ރިޔާސީ އިންތިޚާބު ބާއްވާ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހާއި ޖެހިގެން އަންނަ 9 ވަނަ ދުވަހު، ސޯމާލިއާ އިން ހިޖުރަ ކޮށްފައިވާ ގިނަ އަދަދެއްގެ މުސްލިމުން ސިރިއުޅޭ ސަރަހައްދެއްގައި ބޮންތަކެއް ގޮއްވައިލުމަށެވެ.
ފުލުހުން ބުނީ ހައްޔަރުކުރި 3 މީހުންނަކީ ކްރުސޭޑަރސް ނަމަކަށް ކިޔާ ޓެރަރިސްޓުންގެ ކުޑަ ޖަމާއަތަކަށް ނިޞްބަތްވާ ބައެއް ކަމަށެވެ. އެމީހުންނާއިމެދު އިންށާނުންނަށް ޓެރަރިސްޓް ހަމަލާ ދޭން ރޭވުމުގެ ދައުވާ އުފުލާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެފްބީއައި އިން ބުނެފައިވަނީ މިފަދަ ކަންކަން ރާވަނީ ހިތުގައި އޮންނަ ނަފްރަތުކަން ނުހިފެހެއްޓިގެން ކަމަށެވެ. މުސްލިމުންނަށް ދޭ މިފަދަ ހަމަލާތައް އެމެރިކާގައި އަންނަނީ އިތުރުވަމުންނެވެ.