މުސްލިމުންގެ 3 ވަނައަށް އެންމެ މުޤައްދިސް ބިނާ، މަސްޖިދުލްއަޤްޞާއަށް ހަމަލާ ދޭނެ ފުރުޞަތު ހޯދަން އިޒްރޭލުން ޔުނެސްކޯ އާއި ގުޅުން ކަނޑާލައިފިއެވެ. އިޒްރޭލުން ބުނީ ޔުނެސްކޯ އާއި އޮންނަ ގުޅުން ކަނޑައިލީ ވަގުތީ ގޮތުން ކަމަށެވެ.
އިޒްރޭލުން މިފަދަ ކަމެއް ކޮށްފައި މިވަނީ މަސްޖިދުލްއަޤްޞާއަށް އެއްވެސް ގެއްލުމެއް ނުދިނުމަށާއި މުސްލިމުން އެތަނަށް ވަނުމަށް އެއްވެސް ހުރަހެއް ނުއެޅުމަށް ޔުނެސްކޯއިން ގޮވާލައި ޤަރާރު ފާސްކުރިތާ 48 ގަޑިއިރުވެސް ނުވަނީހެވެ.
ޔުނެސްކޯ އިން ގޮވާލާފައިވަނީ މަސްޖިދުލްއަޤްޞާގެ ބާރު މުސްލިމުންނަށް ދިއުމަށެވެ. އަދި އިރުމަތީ ޖެރޫސަލަމުގައި ހުރި މުސްލިމުން މުޤައްދިސް އެއްވެސް ތަނަކަށް ގެއްލުމެއް ނުދިނުމަށެވެ.
ޔުނެސްކޯގެ ޤަރާރުގައި ބުނެފައިވަނީ މަސްޖިދުލްއަޤްޞާ ބެލެހެއްޓުމުގެ ހުރިހައި ބާރުތަކެއް ލިބެންޖެހޭނީ މުސްލިމުންނަށް ކަމަށާއި އިޒްރޭލުން ހިންގާ ޖަރީމާ ތަކަކީ ޚުދުމުޚުތާރުކަމާއިއެކު ހިންގާ ބާރާއި ބިރުދެއްކުމުގެ އަމަލުތަކެއް ކަމަށެވެ.
ޔުނެސްކޯގެ މިނިންމުމާއި ގުޅިގެން ގިނަ ޤައުމުތަކަކުން މިހާރުވެސް ވަނީ ޔުނެސްކޯގެ ނިންމުން ޤަބޫލުކުރުމަށް އިޒްރޭލަށް އިލްތިމާސްކޮށްފައެވެ. ނަމަވެސް އިޒްރޭލުން އެޤައުމުތަކަށާއި ޔުނެސްކޯއަށް ދިން ޖަވާބަކީ ޔުނެސްކޯގެ ނިންމުމަށް ރަތްކާޑު ދެއްކުމެވެ. އެހެންކަމުން މަސްޖިދުލްއަޤްޞާ ނައްތައިލުމަށް އިޒްރޭލުން ކުރަމުން ގެންދާ އަމަލުތައް އިތުރަށް ބާރަށް ކުރިއަށް ގެންދާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ.