ސައުދިއަރަބިޔާގައި އުފަންވި އެއް މާބަނޑު ދެބެން ކަމަށްވާ އީލަން އާއި އެލީންގެ ގުޅިފައިވާ ހަށިގަނޑު 5 ގަޑިއިރުގެ އޮޕަރޭޝަނަކުން ވަކިކޮށްފިއެވެ.
ރިޔާޛްގެ ކިންގ ޢަބްދުﷲ މެޑިކަލް ސިޓީގައި އުފަންވި މިދެ ކުދިންގެ ހަށިގަނޑު ވަކިކުރުމުގެ އޮޕަރޭޝަންކޮށް ކޮށްފައިވަނީ ސަލްމާން ރަސްގެފާނުގެ އެދިވަޑައިގަތުމަށް ކިންގ އަބްދުﷲ ސްޕެޝަލިސްޓް ޗިލްޑްރަންސް ހޮސްޕިޓަލުގައި މިދިއަ ބުރާސްފަތި ދުވަހުއެވެ. ހެނދުނު 7:20 ހައިއިރު ފެށި އޮޕަރޭޝަން ނިންމުނީ މެންދުރުއެވެ.
މިދެބެއިން އުފަންވިއިރު ބަރުދަނަކީ 3.6 ކިލޯއެވެ. ބަނޑަށް 34 ހަފްތާގައި ނަގާފައިވަނީ ސިޒޭރިއަން ހަދައިގެންނެވެ.
މިދެކުދިންގެ ގިނަ މައްސަލަތަކެއް ހުރިއިރު އީލަން ގެ ހާލަތު އޮތީ 80 އިންސައްތަ ނުރައްކަލުގައެވެ. އެލީން ސަލާމަތް ކުރެވެން އޮތީ މިއޮޕަރޭޝަން ކޮށްގެންނެވެ. ދެބެއިން ވެސް އަދި ވަނީ އައިސީޔޫގައެވެ.
ސައުދިއަރަބިޔާއަކީ މިބާވަތުގެ ނުރައްކާތެރި އޮޕަރޭޝަންތައް ކުރުމަށް މަޝްހޫރު ޤައުމެކެވެ. 1990 ވަނަ އަހަރުން ފެށިގެން ބަލައިފިނަމަ 18 ޤައުމެއްގައި އުފަންވެފައިވާ މިފަދަ ކުދިންގެ ހަށިތައް ވަކިކުރުމަށް 41 އޮޕރަރޭޝަން ވަނީ ކޮށްފައެވެ.
އެ އޮޕަރޭޝަންތަކުގައި ވަކިކުރެވުނު 94 ކުދިންގެ ތެރެއިން ސަލާމަތްކުރެވިފައިވަނީ 34 ކުދިންނެވެ. ދެން ތިބި ކުދިން ވަނީ ތަފާތު ޞިއްޙީ ސަބަބުތަކާއިހުރެ މަރުވެފައެވެ.