ސައުދިއަރަބިޔާގެ އަންހެން ދަރިވަރަކު ހެދުން ވިއްކުމަށްޓަކައި އުފެއްދި ފުރޮލުލީ ފިހާރައަށް ބޮޑުތަރުހީބެއް ލިބަމުން އެބަދެއެވެ.
އޭނާ ބުނީމިއީ ސައުދިއަރަބިޔާގައި އަދި އައު ކަމެއް ކަމަށާއި އޭނާ ބޭނުންވަނީ އައުކަމެއް ތަޖުރިބާކުރަން ކަމަށެވެ. "އަހަރެންގެ ފުރޮޅުލީ މޯބައިލް ފިހާރައިން އެންމެ ޒަމާނީ ހެދުމާއި އަންހެނުންނަށް ބޭނުންވާނެ ދަބަހާއި ބައިވަރު އެއްޗެތި ލިބެން ހުންނާނެ."
ދަރިވަރު ބުނީ ޗުއްޓީ ވަގުތުތަކުގައި ގަރާޖުން "ފިހާރަ" ނެރެގެން އެކި ދުވަހު ދަނީ އެކި ސަރަހައްދަށް ކަމަށެވެ. "އަހަރެންގެ މިހާރު ދާއިމީ ކަސްޓަމަރުން އެބަތިބި. އަހަރެންދާނެ ވަގުތަކަށް އެމީހުން އިންތިޒާރުކުރޭ. އަހަރެން ވިއްކަނީ ބާޒާރަށްވުރެ ހެޔޮ އަގުގަ. އަހަރެން ބަލަނީ ކުޑަ ފައިދާއަކަށް. އެކަމަކު ބައިވަރު ތަކެތި މިހާރު ވިކޭ. އެހެންވެ އަހަރެންނަށް ލިބޭ ފައިދާ އަންނަނީ އިތުރުވަމުން."
އޭނާ ބުނީ އޭނާގެ ފުރޮޅުލީ ފިހާރައިގެ ސަބަބުން އެންމެ ބޮޑަށް ފައިދާކުރާ އެއްބައަކީ އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމަށެވެ. "އެމީހުންނަށް ބާޒާރަށް ދާން ނުޖައްސައި އަހަރެންގެ ފިހާރަ އެމީހުންގެ ގޭގެ ދޮރުމައްޗަށް މި ގެންގޮސްދެނީ."
ދަރިވަރު ބުނީ އޭނާއަށް މި ޚިިޔާލު ލިބުނީ މަގުމަތީގައި ކާތެކެތި ވިއްކަން ހުންނަ މިބާވަތުގެ ވެހިކަލްތަކުން ކަމަށެވެ. "މިހާރު ވަރަށް ގިނަ ފެޝަން ޑިޒަރުން އެމީހުންގެ ތަކެތި ވިއްކަން ހަވާލުކުރޭ. އެންމެންވެސް އަހަރެންގެ ޚިދުމަތް ބަލައިގެންފި.":
ދަރިވަރު ބުނީ މިފަދަ އިތުރު ފިހާރަތައް އޭނާ އުފައްދާނެ ކަމަށެވެ. އަދި ވިއްކާ ބާވަތްތައް އިތުރުކުރާނެ ކަމަށެވެ. "އަހަރެމެން އަންހެނުންނަކީވެސް ކަންކަން ކުރެވޭނެ ބައެއް. އަހަރެން ބައްޕަގެ އަތުން ކުޑަ ލޯނެއް ނެގީ. މިހާރު އެބަހުރި ބޮޑެތި ލޯނުތައްވެސް ލިބެން. އެކަމަކު އަހަރެންގެ ފަޤީރުކަން ހަނދާން ބަހައްޓައިގެން މަސައްކަތް މިކުރަނީ. އަހަރެންގެ އުމުރުން ހަގު. މައިން ބަފައިން ގަރަންޓީކުރުވައިގެން ލޯނު ބޭނުމެއް ނޫން."
ދަރިވަރު ވަނީ ހުރިހައި އަންހެނުންނަކީވެސް ދިރިއުޅުމަށްޓަކައި ކޮންމެވެސް މަސައްކަތެއް ކުރާ އަންހެނަކަށް ވުމަށް އެދިފައެވެ. "ފައިސާ ހުރީމާ ބާރުވެރި ވެވޭނެ. ދެއަތް އުރާލައިގެން ތިބެ އަނގަ ތެޅުމަކުން ހަމަ އެއްވެސް ކަމެއް ނުކުރެވޭނެ."
މިފަދަ މަސައްކަތްތެރިންނަށް ސައުދީ ސަރުކާރުން ގެންދަނީ ބޮޑެތި އެހީތައް ފޯރުކޮށްދެމުންނެވެ.