"އަހަރެން އަތަކު ކާނެ އެއްވެސް އެއްޗެއް ނެތް. ނިދަނީ ރައްޓެއްސެއްގެ ހެޔޮކަމުން އޭނާގެ ގުދަނުގަ. ބަނޑުފުރާނަ މުއްތި ކުރަން އެތައް ބައަކަށް ދަރައިފި. އެހީއެއް ލިބޭނެ އެއްވެސް ގޮތައް މިހާރަކު ނެތް." އިންޑިއާގެ ތެމިލްނާޑޫއަށް ނިޞްބަތްވާ ބާސްކަރަން ކިޔައިދިނެވެ.
"އަހަރެން އެކުންފުނީގަ މަސައްކަތްކުރާތާ 24 އަހަރު. އަހަރެން އެކްސިޑެންޓްވީ ކުންފުނީގެ މަސައްކަތުގަ އުޅެނިކޮށް. އަހަރެންގެ ކުށަކުން ނޫން.! އަހަރެން ހޮސްޕިޓަލުގައި އޮތް އިރުވެސް އަހަރެން ކުންފުނީގެ އެހީއަކަށް ނުއެދެން. ދުވަހަކުވެސް މުސާރަ ނޫން ކަމަކަށް ނުއެދެން."
ބާސްކަރަން ބުނީ އޭނާއަށް މަސައްކަތް ކުރެވެން ނެތުމުން އެދުނީ އެއިރު ނުލިބި އޮތް 2 މަސް ދުވަހުގެ މުސާރައަށާއި އިނާޔަތުގެ ފައިސާއަށް ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ފައިސާއެއް ނުލިބޭ ކަމަށެވެ.
"އެހެންވެ އަހަރެން ކޯޓަށް ދިއައީ. ކޯޓުން ބުނި 24،000 ދިރުހަމް ލިބޭނެ ކަމަށް. ނަމަވެސް އަދިވެސް އެއްވެސް ފައިސާއެއް ނުލިބޭ. އަހަރެންގެ ފޯނުވެސް ނުނަގާ."
އުމުރުން 50 އަހަރުގެ ބާސްކަރަން ބުނީ އޭނާއަކީ ހަކުރުބައްޔަށާއި ލޭމައްޗަށް ދިއުމަށް ބޭސްކުރާ މީހެއް ކަމަށެވެ. އެހެން ނަމަވެސް އަތުގައި އެއްވެސް ފައިސާއެއް ނެތުމުން ބޭސްކޮޅުވެސް މިހާރު ނުލިބޭ ކަމަށެވެ. "ރައްޓެއްސަކު އެހީއެއްގެ ގޮތުން ދީފިނަމަ ބޭސް ގުޅައެއްވެސް ލިބެނީ."
ބާސްކަރަން މަސައްކަތްކުރީ ދުބާއީގައި ސީރިޔާ މީހަކު ހިންގާ ދޮރުފޮތި ފަހައި ވިއްކާ ކުންފުންޏެއްގައެވެ. މިހާރު އޭނާ ވަނީ ކުންފުނި އޭނާގެ އަންހެން ދަރިފުޅުގެ ނަމަށް ބަދަލުކޮށްފައެވެ.
ކޯޓުން އެންގިވަރަށް ފައިސާ ނުދިނުމުން އެފައިސާ ކޯޓުން އަތުލާނެއެވެ. ނަމަވެސް އެކަމަށް މުއްދަތެއް ނަގާނެއެވެ. ބާސްކަރަންއަށް އެންމެ ދުވަހަކީވެސް އެހައިމެ ވޭންހުރި، ހައިހޫނުކަން އިހްސާސްކުރަންޖެހޭ ދުވަހެކެވެ. ބާސްކަރަން ގެންދަނީ އިންޑިއާ އެމްބަސީގެ އެހީތެރިކަން ހޯދަން މަސައްކަތްކުރަމުންނެވެ.