ސައުދީ ޝާހީ ޢާއިލާއަށް ނިޞްބަތްވެވަޑައިގަންނަވާ ޕްރިންސް ތުރުކީ ބިން ސައުދު ބިން ތުރުކީ ބިން ސައުދު އަލްކަބީރަށް މަރުގެ އަދަބު ދީފިއެވެ.
ޕްރިންސަށް މަރުގެ އަދަބު ދިނީ ގިނަ އަދަދެއްގެ ބައަކު އެއްވެ ހިންގި ހަމަނުޖެހުމެއްގެ ތެރެއަށް ބަޑިޖެއްސެވުމުން ސައުދީ ރައްޔިތެއް ކަމަށްވާ ޢަބްދުލްކަރީމް އަލްމުޙައްމަދު މަރުވުމާއި ގުޅިގެންނެނެވެ.
ޕްރިންސުގެ މައްޗަށް ދަށުކޯޓުން ކުރި ޙުކުމަށް މަތީ ހުރިހައި ކޯޓަކުން ވަނީ ތާއީދުކޮށްފައެވެ. އެކަމާއި ގުޅިގެން ހޯމް މިނިސްޓްރީންނާއި ރަސްގެފާނުގެ ގަނޑުވަރުން ވަނީ ޙުކުމް ތަންފީޒުކުރުމުގެ ހުއްދަ ދީފައެވެ.
ހޯމް މިނިސްޓްރީން ބުނީ މިކަމުންވެސް އަންގައިދެނީ ކުށްކުރުމުން ސައުދިއަރަބިޔާގައި އެއްވެސް ރައްޔިތަކަށް ތަފާތުނުކުރާކަން ކަމަށެވެ.
ސައުދިއަރަބިޔާއިން މަރުގެ އަދަބު ތަންފީޒުކުރަމުން ގެންދާތީ އެކަމަށް ފާޑުކިޔާ ފަރާތްތަކަށް ރައްދުދީ ސައުދިއަރަބިޔާއިން ބުނަމުން ގެންދަނީ ކީރިތި ޤްރްއާން ފިޔަވައި އެހެން ހުރިހައި ޤާނޫނަކީ އިންސާނުން ހަދާ ޤާނޫނުތައް ކަމަށާއި ކީރިތި ޤްރްއާނާއި ތައާރަޟްވާ އެއްވެސް ޤާނޫނެއް އެ ޤައުމުން ބަލައި ނުގަންނާނެ ކަމަށެވެ.