މާޒިޔާ ބަލިކޮށް ޓީސީ ފައިނަލުން ޖާގަ ހޯދައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
މާޒިޔާ ބަލިކޮށް ޓީސީ ފައިނަލުން ޖާގަ ހޯދައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ޔޫތު ޗެމްޕިއަންޝިޕް ސެމީފައިނަލުގައި ފަހަތުން އަރައި 1-3 އިން މާޒިޔާ ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބު ފައިނަލުން ޖާގަ ހޯދައިފިއެވެ.


ދެޓީމުގެ ފަރާތުންވެސް ބަލާހިތްވާފަދަ ރީތި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ މާޒިޔާއިންނެވެ. މާޒިޔާއަށް މިލަނޑު ކާމިޔާބު ކޮށްދިނީ މެޗުގެ 26 ވަނަ މިނެޓުގައި މުހައްމަދު އިންޝާލްއެވެ. އިންޝާލް މިލަނޑު ޖެހީ ޓީސީގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހުއެވެ.


މާޒިޔާއިން ލީޑް ނެގުމާއެކު ޓީސީން ވަނީ އެކްލަބުގެ ސީނިއަރ ޓީމާއި ރާއްޖޭގެ ގައުމީ ޓީމުގައިވެސް މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު ހަސަން ނާއިޒް (ދާދު) ކުޅެން އަރުވާފައެވެ. ދާދު ކުޅެން އެރުމާއެކު ޓީސީގެ ކުޅުން ރަގަޅު ވެގެންދިޔަތަން ފެނުނެވެ. ނަތީޖާއަކަށް ވެގެންދިޔައީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި އެޓީމަށް ޕެނަލްޓީއެއް ލިބުމެވެ. މިޕެނަލްޓީ ކާމިޔާބުކޮށް ޓީސީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކެޕްޓަން އިބްރާހިމް ވަހީދު (އިއްބެ) އެވެ.


ދެވަނަ ހާފް ފަށައިގެން ރަގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދީ މާޒިޔާއިންނެވެ. މާޒިޔާއިން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޓީސީގެ ގޯލު ރޮނގުމަތިން ކަހަލަ ގޮތަކަށްވެސް ޓީސީން ސަލާމަތް ކުރިއެވެ. މިބޯޅަ ގޯލަށް ވަތް ކަމަށް ބުނެ މާޒިޔާ ކުޅުންތެރިންނާއި އޮފިޝަލުން ވަރަށް ބޮޑަށް ޝަކުވާ ކުރިތަންވެސް ފެނިގެންދިޔައެވެ. 


ޓީސީން ލީޑް ނެގީ މެޗުގެ 52 ވަނަ މިނެޓުގައެވެ. ދާދު ތަނަވަސް ކޮށްދިން ފުރުސަތަކުން މިލަނޑު ކާމިޔާބު ކޮށްދިނީ އަކްމަލް މުހައްމަދެެވެ. ޓީސީން ލީޑް ފުޅާކުރީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އަލީއެވެ. މިއީ މާޒިޔާގެ މެދުތެރެއިން ދެކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ދާދު ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރި ލަނޑެކެވެ.


ފައިނަލުގައި ޓީސީ ބައްދަލު ކުރަން ޖެހޭނީ އީގަލްސްއާއެވެ. ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރުއެވެ. 

މިއަދު އޮންލައިން