މަރައި ހުސްކުރަންދެން އިޓަލީގެ މުސްލިމުން ޖަމާއަތުގައި ނަމާދުކުރަން ނިންމައިފިއެވެ.
އިޓަލީގެ ސަރުކާރުން އެޤައުމުގައި ހުރި މިސްކިތްތައް ބަންދުކޮށް ނަމާދުކުރުމަށް ހުރަސް އަޅަން އުޅޭކަމުގެ ބިރު އުފެދިފައިވާތީ އެ ގޮތަށް އެކަން ނުކުރުމަށް ގޮވާލައި އެތައް ހާސް މުސްލިމުން އިއްޔެ ވަނީ މުޒާހަރާކޮށްފައެވެ.
އިއްޔެގެ ހުކުރު ނަމާދަށްފަހު އެކި ސަރަހައްދުތަކުގައި މުސްލިމުން ގޮވާލާފައިވަނީ އެމީހުން ނަމާދުކުރުމަށް ހުރަސް ނުއެޅުމަށެވެ. އަދި އިޓަލީގެ މުސްލިމުންނަކީ އެއްވެސް ހަމަނުޖެހުމެއް ހިންގާ ބައަކަށްނުވާއިރު އެހެން ޤައުމެއްގައި ބައަކު ކުރާ ކަމަކާއި ގުޅިގެން އިޓަލީގެ މުސްލިމުންނަށް ދަތި ނުކުރުމަށެވެ.
އަލަށް އިސްލާމްވި އިޓަލީ ރައްޔިތެއް ކަމަށްވާ ފްރެންސިސްކޯ ބުނީ ސަރުކާރުން މިސްކިތްތައް ބަންދުކޮށްފިނަމަ ތަންތަން ކުއްޔަށް ހިފައިގެން ނަމާދުކުރާނީ ކަމަށެވެ. އެގޮތަށްވެސް ނަމާދުކުރިއަ ނުދީފި ނަމަ ހާމަތަންތަނުގައި ނަމާދުކުރާނީ ކަމަށެވެ. "އަހަރެމެން މަރައި ހުސްކުރަންދެން ވެސް ޖަމާއަތުގައި ނަމާދުކުރަންވާނެ. ކޮންމެވެސް ދުވަހަކުން މަރުވާނެ. އަވަހަށް މަރުވި ނަމަވެސް ލަހުން މަރުވި ނަމަވެސް ކައްވަޅުގެ މުއްދަތަކީ އެއް މުއްދަތެއް. އެހެންވީމާ މަރަށް ބިރުގަނެ ޖަމާއަތުގައި ނަމާދުކުރުން ދޫކޮށްލައިގެން ނުވާނެ." ކަމަށެވެ. އޭނާގެ ހުށަހެޅުމަށް މުސްލިމުން ވަނީ ތާއީދުކޮށްފައެވެ.
އިޓަލީގައި 180،000 މުސްލިމުން އެބަތިއްބެވެ. އައީ އިޓަލީގެ އާބާދީއަށް ބަލާނަމަ 1.5 އިންސައްތައެވެ. އިޓަލީ އަކީ ކްރިސްޓިއަން ބޮޑު މެޖޯރިޓީއެއް އޮންނަ ޤައުމެއް ނަމަވެސް ދެވަނަ އަށް އެންމެ ގިނައީ މުސްލިމުންނެވެ. އަދި އެންމެ ބާރަށް ކުރިއަރަމުން އަންނަނީވެސް އިސްލާމް ދީނެވެ.