ޝާޢިރާޔަށް މަންމަޔާ ބައްޕަގެ އުފާ ލިބެމުންދެޔޭ،
ދާއިމީ ގޮތުގައި އެދޭހާ ކަންތަކަށް މަގުފަހިވިޔޭ.
އެދުރުގޭ އަޙްމަދު ސަލީމާ ދޮންދުނބުރިގޭ ޢާއިޝާ
ދެމެދު ލިބުނީ އެންމެ ދަރިފުޅު ޝާޢިރާ ކަމުގައިވިޔޭ.
ކިޔަވަމުންއައިއިރު ލިބުނު އެއްބާރުލުން ފުރިހަމަކަމުން،
ކިޔެވުމަށް އައުހިތްވަރެއްގައި ޝާޢިރާ ކުރިޔަށް އަޔޭ.
ކަންމިދެންނެވިހެން އޮތަސް އަދު ޝާޢީރާގެ މައިންބަފައިން-
ނަށް އެކަންނުމެވިސްނި ކައިވެންޏެއްގެ ވާހަކަދެއްކިޔޭ.
މިކަމުގައި ހިތްދެރަވެފައި ފަސްކޮށްދިނުން ކައިވެނި އަދައި،
ނިކަމެތިވެފައި ޝާޢިރާ އެދުމުން ޖަވާބެއް ނުލިބެޔޭ.
ނުނިމެނީސް ކިޔަވާމަދެން، ކައިވެންޏަކުންގުޅުމީ ވަރަށް-
އުނިކަމެއްކަން ސާފުކޮށް ހަމަ ޝާޢިރާ ބުނެ އިއްވިޔޭ.
މައިންބަފައިން އެއަޑާއިމެދުގައި ވިސްނުމެއްނެތިރާވަމުން
ވާންއޮތީމިގޮތޭ ކިޔާފައި ޝާޢިރާއަށް އެންގިޔޭ.
ދެރަވިޔަސް މަންމަޔާއި ބައްޕަގެ ނިންމުމަށް ނައަޅާ ހުރަސް،
އެރަށުމުއްސަނދި ސާޖިދާ އިނުމަށް އެތާނއެއްބަސްވިޔޭ.
ސާޖިދުގެ މުއްސަނދިކަމާ ޢިލްމީ ލަޔާޤަތު ހުރިވަރުން
ޝާޢިރާ އެކަމާލަދުން ކަރުނައިގެ ކޯރަށް ފީނިޔޭ.
ޢާއިލާ ދެފަރާތު ގުޅި، މަޖްބޫރު ޙާލަތުގައި ވެވުނު،
ކައިވެނީގެ އުފާތަކާ ދުރުގައި އުޅެން ޖެހިފައިވިޔޭ.
ސާޖިދާއެކުގައި އުޅެން ފެށުމާއިއެކުގައި ހެޔޮހިތުން،
ޝާޢިރާ ކިޔަވާނެ މަގު ތަނަވަސްވުމަށް އެދެމުންދެޔޭ.
ވަގުތުތައް ހުސްކޮށް ކުރަން ގޭގައިޖެހޭހާ ކަންތަކެއް،
ވަގުތުގައިކޮށް ނިންމަމުން، ހުސްވަގުތު ކިޔަވަން ހޯދިޔޭ.
ހުށަހަޅައިގެން ސާޖިދަށް ކިޔަވާނެމަގު ތަނަވަސްވުމުން،
އުފަލުގައި ފުރުޞަތު ރަނގަޅުގޮތުގައި ހިފަން ބޭނުންވިޔޭ.
ސާޖިދުގެ މަންމަޔާއިބައްޕަގެނުރުހުމާ ނަފުރަތުއޮތަސް،
ޝާޢިރާ ހިތްހެޔޮކަމާއެކު ގޭތެރޭ އުޅެމުންދެޔޭ.
ފޮތްހިފައިގެން ކިޔެވުމަށްދާތީ އަވަށްޓެރި ގޭގެއިން،
ގޮތްވަރަށްކުޑަ މީހެކޭ ކިޔަމުން މަލާމާތް ކޮށްލަޔޭ.
ނުކިޔަވާހުރެ މީހަކާ އިނުމަށްފަހުން ފޮތްބޮނޑި ހިފައި
ނިކުމެގެންބޭރަށްދިއުން މާރީތިކަމަކަށް ނުމެވެޔޭ.
ރަށުތެރޭ އެކިގޮތްގޮތަށް ވާހަކަ މިބުނިހެން ދެކެވުނަސް،
ރަށުގެ އެއްވެސްމީހަކާ ނުރުހުންވެ ރުޅިއެއްނާދެޔޭ.
ކޮށްފިނަމަ މީހަކު ސުވާލެއް ޝާޢިރާޔާ ދޭވިހުރެ،
ކޮންމެޢުމުރެއްގައި އޮތީ ކިޔެވުންކަމަށް ބުނަމުންދެޔޭ.
ކެއްކުމާ ދޮވެސާފުކުރުމާ އަދިއެހެނިހެން ކަންތަކާ،
ބެއްސުމެއްނެތި އަނެކަކާ ޚޮދު ޝާޢިރާ ކުރަމުންދެޔޭ.
ޝާޢިރާގެ މުރާލިކަން ހިތްހެޔޮކަމާ ހުޝިޔާރުކަން،
ސާޖިދަށް އެނގުމުން ވަރަށްއުފަލުން އެކަން ބަލަމުންދެޔޭ.
ކިޔެވުމަށް އެއްވެސް ކަހަލަ ހުރަހެއް ނުވާނޭ ގޮތްމަތިން،
ރިވެތިކޮށް ހުރިހާއެހީއެއް ސާޖިދުގެ ލިބެމުންދެޔޭ.
ހަރުފަތެއް ކުރަމުންގިރާ މައްޗަށް ދަތުރުކޮށް ޝާޢިރާ،
ހަރުހަވެރތިކަން ހޯދަމުން ކުރިޔަށް ދަތުރުކޮށްފާދެޔޭ.
ދެކޮޅުވެރި ކަމުގައި ހުރަސްއެޅި އުނގެނުމަށް އެންމެން ފަހުން،
އެކުވެގެން، ކުރިހިތްވަރަށް ހަމަ ޝާޢިރާ ސާބަސްދެޔޭ.
ފަސްއަހަރުވީއިރު ދެމީހުން ކައިވެނިން ގުޅުމަށްފަހުން،
ދަސްވެ ޢިލްމާ ހުނަރުގައި، ހަމަ ސާޖިދާ ފައިހަމަވިޔޭ.
ކާމިޔާބާމެދު ލިބުނު މޮޅު ޝާޢިރާއަށް ކިޔެވުމުން،
ޢާއިލާ ދެފަރާތު އެންމެން މަރްޙަބާ ކިޔަމުންދެޔޭ.
ބަނދަރުގައިއޮތް ދުވަހަކަށް ބެލުމެއްނުވާކަން އެންމެނަށް،
އަދުނުލާހިކު ހިތްމަތާއެކު ޝާޢިރާ ދައްކައިފިޔޭ.
ޝާޢިރާ ކިޔެވުން މުޅިން ނިމުމާއެކީ މަތިވެރި މަޤާމް،
ދާދިއަވަހަށް ލިބި ވަޡީފާގައި އުޅެން ފަށްޓާފިޔޭ.
ހިތްމަތާއެކުގައި މަސައްކަތް ކުރުމުގައި ހުރި ކާމިޔާބް،
ހިތްތަކަށްއެނގި ޝާޢިރާގެ ފުށުން، ނަކަލު ކުރަމުންދެޔޭ.
ޢިބްރަތެއްކަމުގައި ބަލައިގެން ޝާޢިރާގެ މި ކާމިޔާބް،
ކިބުރުވެރިހާހިތްތަކަށް އަލިކަން އެއިން ލިބިދީފިޔޭ.