އުރީދު ދިވެހި ޕްރިމިއަރ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޓިސީ ސްޕޯޓްސް ކްލަބުގެ ނުރައްކާތެރި ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަދި އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމް އީގަލްސްއަށް ކުޅެމުން އަންނަ ލަންކާ ގައުމީ ޓީމުގެ ކެޕްޓަން ސުޖަން ޕެރޭރާ ހޯދައިފިއެވެ.
ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ މޮޅު ކީޕަރުގެ މަގާމް އިއުލާންކޮށް އެވޯޑް ހަވާލުކުރީ ލީގުގައި ރޭ މާޒިޔާ އާއި އީގަލްސް ބައްދަލު ކުރި މެޗަށްފަހުއެވެ.
ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ސެންޓޭ ހޯދިއިރު އޭނާ ވަނީ ޓީސީއަށް ލީގުގެ ދެވަނަ ހޯދައި ދިނުމަށް މޮޅު ކުޅުމެއް ދައްކައި ގިނަ ލަނޑުތަކެއްވެސް ކާމިޔާބު ކޮށްފައެވެ. ސެންޓޭ ވަނީ މިސީޒަނުގައި މިހާތަނަށް 29 ލަނޑު ކާމިޔާބު ކޮށްފައެވެ. މިއީ ރާއްޖޭގެ ގައުމީ ޓީމުގައިވެސް މުހިއްމު ދައުރެއް އަދާކުރާ ސެންޓޭއަށް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނު ފުރަތަމަ ފަހަރެވެ.
މިދިޔަ ސީޒަނުން ފެށިގެން އީގަލްސްއަށް ކުޅެމުން އަންނަ ސުޖަން އެންމެ މޮޅު ކީޕަރުގެ މަގާމް ހޯދީ ރާއްޖޭގެ ގައުމީ ޓީމުގެ ކީޕަރު އިމްރާން މުހައްމަދާއި ޔުނައިޓެޑް ވިކްޓަރީއަށް ކުޅެމުން އަންނަ ސީރިއާގެ ތަޖުރިބާކާރު ކީޕަރު މުހައްމަދު އަލް ޔޫސުފް ފަހަތަށް ޖައްސާލުމަށްފަހުއެވެ. ލީގުގެ ދެވަނަ ބުރާ ހަމައަށް ދިޔައިރު އީގަލްސްއިން ލީގަށް ވާދަކުރަމުންދިޔައީ ސުޖަންގެ މޮޅު ކުޅުމާއެކުކަން ފާހަގަ ކޮށްލެވެއެވެ.
ލީގުގައި ރޭ މާޒިޔާ އާއި އީގަކްސް ބައްދަލު ކުރި މެޗަށްފަހު މާޒިޔާއަށް ވަނީ ލީގް އައްޑަނަ ހަވާލު ކޮށްފައެވެ. މިއީ މާޒިޔާއިން ލީގް ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.