އަހަރެމެންގެ ލޯބީގެ ކާމިޔާބީއަކީ 14 އަހަރުވަންދެން އެކީގައި އުޅުނުއިރު އަމަލުކުރި ރިވެތި އަޚްލާޤް ކަމަށް ބުނެ ތޯމަސް އޭނާގެ ހަޔާތުގެ ކާމިޔާބީ ޙިއްޞާކޮށްފިއެވެ.
ތޯމަސް ބުނާ ގޮތުގައި އޭނާއަށް އަޔަރީން ފެނުނީ އޭނާގެ އުމުރުން އެންމެ 9 އަހަރުގައެވެ. ފުރަތަމަ ފެނުނު ދުވަހުވެސް އޭނާއަކީ އަހަރެންގެ ހަޔާތުގެ ބައިވެރިޔާކަމަށް ނިންމައި އަޔަރީން އާއިއެކު ގުޅުން ބަދަހިކުރަން މަސައްކަރް ފެށިއެވެ.
"އަހަރެން އަޔަރީން އާއިއެކު ވަގުތު ހޭދަކުރަން ބޭނުންވި. އެކަމަކު އަޔަރީން ހޯދަން އެގެއަށް ދާން ނުކުރެތީ އަހަރެން ރައްޓެހިވީ އޭނާގެ ކޮއްކޮއާ. އެގެއަށް ދާން ފެށީ ކުޅެން ކޮއްކޮ ހޯދަން. ދިއައިމަ އަޔަރިން އާދޭ އަހަރެންނާއިއެކު ކުޅެން."
ތޯމަސް ބުނީ އެގޮތަށް އެގެއަށްދާތީ އެކަން ފާހަގަކުރެވިގެން އެއިރުވެސް ބައެއް ފަހަރު "ކަލޭ ތިއަންނަނީ އަޔަރީން ހޯދަން" ކަމަށް އަޔަރީންގެ މަންމަ ބުނަމުން އައި ކަމަށެވެ. ނަމަވެސް ހުރަހެއް ނުއަޅާކަމަށެވެ.
"އަހަރެމެން ބޮޑުވަމުން އައި ވަރަކަށް މަގުތަކާއި ޕާކުތަކުގައިވެސް އެކީގައި އުޅުން އިތުރުވި. ދެ ކުދިން އެކުގައި ހިނގަން ދިއުންވެސް އިތުރުވި. ދެން އެކަމަކު ވަރަށް ބޮޑު ކަމެއް ޖެހުނު. އެއީ 1941 ގައި ދެވަނަ ބޮޑުހަނގުރާމައިގައި ކުރީ ސަފުގައި ހަނގުރާމަކުރަން ދާންޖެހުން. އެހަނގުރާމަ ނިންމައި އެނބުރި އާދެވުނީ 1945ގަ. އައިސް އަހަރެމެން ކައިވެނިކުރީ.''
މިއަހަރު ތޯމަސް ވަނީ ދެމީހުންގެ ކައިވެނީގެ 72 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފައެވެ. އަދިވެސް ދެމީހުން އުޅެމުން ގެންދަނީ ހަމަ އެހައި ލޯބިންނެވެ.
ތޯމަސް ބުނީ އަބަދުވެސް އޭނާއަކީ އަންހެނުންނަށް އިހްތިރާމްކުރާ މީހެއް ކަމަށެވެ. އަންހެނުންގެ ހައްޤުތައް ފުރިހަމައަށް އަދާކުރަން ބޭނުންވި މީހެއް ކަމަށެވެ. އެހެންކަމުން އެންމެ ޒުވާން އިރުވެސް އޭނާ އަމަލުކުރަމުން އައީ އެއުޞުލުން ކަމަށެވެ.
ތޯމަސް ބުނީ މަގުމަތިން އަންހެނަކު ފެނުނު ނަމަވެސް ދުވަހަކުވެސް ބަލާފައިވެސް ނުވާނެ ކަމަށެވެ. އަދި އަޔަރީން އާއިއެކު ލޯބިން އުޅުނު އިރުވެސް އެއްވެސް "ގުޅުމެއް" ހިންގާފައި ނުވާނެ ކަމަށެވެ.
ތޯމަސް ބުނަނީ މިއީ މިއަދުގެ ޒުވާނުންވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެއް ކަމަށެވެ. ފުރިހަމަ ލޯތްބެއް ކާމިޔާބުކުރެވޭނީ ތާހިރު ގުޅުމެއްގެ ތެރެއިންކަން ޤަބޫލުކޮށްގެން ނޫނީ ޒަވާޖީ ހަޔާތުގެ ފޮނި މޭވާ ހާޞިލު ނުކުރެވޭނެކަން ޔަޤީންކުރަން ޖެހޭނެ ކަމަށެވެ.