ޔޫރަޕުގެ ޒުވާން އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ސަންޗޭޒްއަށް

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޔޫރަޕުގެ ޒުވާން އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ސަންޗޭޒްއަށް

ޔޫރަޕުގެ އެންމެ މޮޅު ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ޕޯޗުގަލް އާއި ބެޔާން މިޔުނިކުގެ އުއްމީދީ މިޑްފީލްޑަރު ރެނާޓޯ ސަންޗޭޒްއަށް ލިބިއްޖެއެވެ.


މިއަހަރުގެ ޖޫން މަހު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތް ޕޯޗުގަލްއަށް ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ސަންޗޭޒް،18، މިއެޥޯޑް ހޯދީ މެންޗެސްޓަރ ޔުނައިޓެޑާއި އިންގްލެންޑުގެ ފޯވާޑް މާކޮސް ރަޝްފޯޑާއި ފްރާންސާއި ބެޔާން މިޔުނިކުގެ ކޯމަން ކިންގްސްލީ ފަހަތަށް ޖައްސާލުމަށްފަހުއެވެ. މިއީ މިއެވޯޑް ސަންޗޭޒްއަށް ލިބުނު ފުރަތަމަ ފަހަރެވެ.


ޔޫރަޕުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ ހޮވަނީ ކުޅިވަރު ހަބަރުތައް ގެނެސްދޭ ޔޫރަޕުގެ އެންމެ މަޝްހޫރު 30 ނޫސްވެރިންގެ ވޯޓުންނެވެ. 2003 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މިއެވޯޑް އެންމެ ފުރަތަމަ ހޯދި ކުޅުންތެރިޔަކީ ނެދަލޭންޑްސް ގައުމީ ޓީމުގެ ކުރީގެ އިތުބާރު މިޑްފީލްޑަރު ރަފޭލް ވެންޑަވާޓެވެ. މިއެވޯޑް ހާސިލް ކޮށްފައިވާ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ލިއޮނަލް މެސީ އާއި ސާޖިއޯ އަގުއޭރޯ އާއި ވޭން ރޫނީ އާއި ސެސް ފެބްރެގަސް އަދި ޕޯލް ޕޮގްބާ ފާހަގަ ކޮށްލެވެއެވެ. 


އުމުރުން 21 އަހަރުންދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެންދޭ މިއެވޯޑް ސަންޗޭޒްއަށް ލިބުމުން އޭނާ ވެގެން ގޮސްފައި ވަނީ ޕޯޗުގަލް ކުޅުންތެރިންގެ ތެރެއިން މިއެވޯޑް ހާސިލް ކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ސަންޗޭޒް ވަނީ މިއަަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހާސިލް ކޮށްފައެވެ. 


 

މިއަދު އޮންލައިން