ކަޝްމީރުގެ ހާލަތު ރަނގަޅުވާން ފެށުމުން ޖައްމޫ ކަޝްމީރުގެ އެންމެ ބޮޑު ސިޓީކަމަށްވާ ސްރީ ނަގަރުގެ މަގުތައް ވެހިކަލްތަކުން ފުރިބާރުވެއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ގިނަ ވެހިކަލްތަކަކީ ވިޔަފާރީގެ ބޭނުންތަކަށް އެއްތަނުން އަނެއްތަނަށް މުދާ އުފުލުމަށް ހަރަކާތްތެރިވި ވެހިކަލްތަކެވެ. ފިހާރަތައް ހުޅުވައި ޢާންމު ހާލަތަކަށް ގިނަ ސަރަހައްދުތައްވަނީ މިހާރު ގެންދެވިފައެވެ.
ޖައްމޫ ކަޝްމީރުގައި މިހާރުވަނީ މަގުމައްޗަށް ނުކުމެ އުޅުން ހުއްދަކޮށްފައެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި 4 މީހުންނަށްވުރެ ގިނަ މީހުން އެއްތަނަކަށް އެއްވެ ތިބުން ވަނީ މަނާކޮށްފައެވެ.
މީޑިއާ ރިޕޯޓްތައް ބުނަނީ "އަގުދީގެން ހިންގާ ހަމަނުޖެހުންތައް" އެކި ސަރަހައްދުތަކުގައި އަދިވެސް ކުރިއަށް ގެންދާ ކަމަށެވެ.
އިންޑިއާ އިން ބުނެފައިވަނީ ބޯޑަރު ސަރަހައްދުގައި އިއްޔެވެސް ޕާކިސްތާނުން މޯޓަރުބަޑިން ދެފަހަރު ހަމަލާދިން ކަމަށެވެ.