އެފްއޭ ކަޕް ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ކިނބިދޫ ވޭރު ސްޕޯޓްސް ކްލަބު 8-0 އިން ބަލިކޮށް ބީޖީ ސްޕޯޓްސް ކްލަބު ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ފުލަށް ދިޔުމުގެ ސަބަބުން ދެވަނަ ޑިވިޝަނަށް މިދިޔަ ހަފްތާގައި ރެލިގޭޓް ވެފައިވާ ބީޖީއިން މިމެޗުގެ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. ފުރަތަމަ ހާފުގައި ބީޖީއިން އުފެއްދި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ވޭރު ސްޕޯޓްސް ކްލަބުގެ ކީޕަރެވެ. ފުރަތަމަ ހާފުގައި ވޭރަށް ލަނޑެއް ކާމިޔާބު ނުކުރެވުނަމަވެސް އެޓީމުން ވަނީ ބީޖީގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ދެހަމަލާއެއް ފޮނުވާލާފައެވެ.
ދެވަނަ ހާފުގައި ވޭރު ކުޅުންތެރިން ކިބައިން ވަރުބަލިކަން ފެނުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ބީޖީއިން ފުލުފުލުގައި 6 ލަނޑު ކާމިޔާބު ކުރުމެވެ. މީގެ ތެރޭގައި 3 ޕެނަލްޓީވެސް ހިމެނެއެވެ.
ކުއާޓާފައިނަލުގައި އަންނަ އާދިއްތަ ދުވަހު ބީޖީ ނިކުންނާނީ ނިއުރޭޑިއަންޓާ ދެކޮޅަށެވެ. ކުއާޓާފައިނަލުގެ ދެވަނަ މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލު ކުރާނީ އީގަލްސް އާއި ޓީސީއެވެ. ތިންވަނަ މެޗުގައި ނޮވެމްބަރު 2 ވަނަ ދުވަހު ވެލެންސިޔާއެވެ.